ލ.ގަން ކެމްޕަހަށް އަމާޒު ކޮށްގެން އަހުރަ ގޮފީގެ ފަރާތުން ސިލްސިލާ ދީނީ ދަރުސް ދިނުމުގެ ޕުރޮގުރާމެއް ފަށައިފިއެވެ. މި ޕުރޮގުރާމް ކުރިޔައްގެންދިއުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިއްތަކުގައި ދީނީ ލޯބި އިތުރުކުރުމެވެ. ޝައިހް އަބްދުލް ފައްތާހު ވާހަކަފުޅު ދެއްކެވި މި ދަރުހުގައި ރޯދަމަހުގެ މާތްކަމާ ބެހޭގޮތުން ގިނަ މައުލޫމާތު ތަކެއް ވަނީ ދަރުސްގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.
މެއި 15 ވަނަ ދުވަހު 21:45 ގައި ބޭއްވި މި ޕުރޮގުރާމްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ވަޑައިގެންދެއްވީ ކެމްޕަހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބްދުލް ރަޝީދު އެވެ. ކެމްޕަސްގެ ގިނަ ލެކްޗަރާ އިން އަދި ނާރސިންގް ދަރިވަރުން ބައިވެރިވި މި ޖަލްސާ ކާމިޔާބު ކަމާއެކު ނިންމާ ލެވުނުއިރު އަދި މިކަހަލަ ޕުރޮގުރާމުތައް ރޯދަމަސް ތެރޭގައި ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަރުސް ކުރިޔަށް ގެންގޮސްފައިވަނީ ލ.ގަން ކެމްޕަސްގައެވެ. މި ޕުރޮގުރާމް ކުރިޔަށް ގެންދިޔުމަށްޓަކައި ލެކްޗަރާ ސައުޝަން ރަޝީދު ގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަ ކޮށްލެވެއެވެ.