

ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ބޮލޮކް މޯޑަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުކުރުދުވަހުގެ ހެނދުނުގެ ނާސްތާ ދިނުމުގެ ހަރަކާތެއް ހިންގައިފިއެވެ.
”ބްރެކްފާސްޓް ފްރޮމް ފެސާ ބަދިގެ“ މިނަމުގައި ސެޕްޓެމްބަރު ހަވަނަ ދުވަހު ހެނދުނު ބޭއްވި މިހަރާކާތުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވަނީ ފެސާގެ ލީޑަރުންނެވެ. ފެސާ ލީޑަރުންނަކީ ފެސާ އެކްސްކޯއަށް އެހީތެރިވުމަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ތެރެއިން އިސްނަގާފައިވާ ދަރިވަރުންތަކެއް ހިމެނޭ ޓީމެކެވެ.


މިފަދަ ކާމިޔާބު އިވެންޓެއް ނިންމާލުމުގެ ފަހަތުގައި ލީޑަރުންގެ މިންނެތް މަސައްކަތް އޮތުމަކީ އުފާ ކުރަންޖެހޭ ކަމެއްކަން ފެސާގެ ރައީސާ މަރިޔަމް ވަޖާހާ ވިދާޅުވިއެވެ. އެގޮތުން ހަރަކާތް ޕްލޭން ކުރުމުން ފެށިގެން ހަރަކާތް ނިމެންދެން އިސްކޮށް އުޅުނު ހުރިހާ ކުދިންނަށް ހާއްސަ ޝުކުރެއް ވަޖާހާ އަދާކުރެއްވިއެވެ.
”ވަރަށް އުފާވޭ އާ ކުދިން މިގޮތަށް ލީޑަރޝިޕްގައި އުޅޭތަން ފެނުނީމަ. ފެށިގެން ގޮސް ނިމެންދެން ކުދިން ކޮށްދިން މަސައްކަތަށް ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެވޭނީ،“ ވަޖާހާ ވިދާޅުވިއެވެ.
ފެސާ ބަދިގެއިން ތައްޔާރުކުރި ނާއްތާގައި ޑިސްކު މަސްހުނި، ޑިސްކު ރިހާކުރުފަދަ ބާވަތްތައް ހިމެނުނެވެ. ހާއްސަކޮށް ފެސާ ބަދިގެއިން ތައްޔާޜުކުރި މޮހީތޯއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ލިޔުނީ: އިބްރާހިމް އުމަރު،
މީޑިއާ ކޯރޑިނޭޓަރ، ފެސާ