ފެސާއިން ފެކަލްޓީ އޮފް އެޑިއުކޭޝަން ގެ ޑީން އަލްފާޟިލާ މަރިޔަމް ފިޒާނާ ރަޝީދުއާ ބައްދަލު ކޮއްފިއެވެ. މިއަދު (25 ސެޕްޓެމްބަރ 2018) ވަނަ ދުވަހުގެ މެންދުރު 12:00 ގައި މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ އަމީނީ ބިލްޑިންގްގެ ޖަލްސާ ކުރާ މާލަމުގައެވެ. ފެސާގެ ރައީސާ (މަރިޔަމް ވަޖާހާ) ،ނައިބް ރައީސް އިލްމީ (އާކިފާ ރަޝީދު) ،ޚަޒާންދާރު (އަރުޝަމް މުހައްމަދު) ،މީޑިއާ ކޯޑިނޭޓަރ (ޝަޒާރަތު ޝަރީފް) އަދި ސެކްރެޓަރީ ( އާމިނަތު ސަހާ) ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.
މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ އޮކްޓޯބަރ 5 ވާ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވައިފައިވާ ހަރަކާތްތަކާއި ބެހޭ ގޮތުންނެވެ.ޓީޗަރުންގެ ދުވަހަށް ހާއްސަ ކޮއްގެން ކޮންމެ އަހަރކު ބާއްވަމުން އަންނަ ”ހަވާސް ޝޯ“ ގައި ތާފާތު ހުނަރުވެރި ހަރަކާތް ތަކެއް މި އަހަކު ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޑީން ވަނީ ހާމަކުރައްވާފައެވެ.
ފެކަލްޓީގެ ގޯތި ތެރެ އަކީ ސާފު ތާހިރު މާހައުލެއްގެ ގޮތުގައި ބޭއްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ވެސް މިބައްދަލުވުމުގައި ވަނި މަޝްވަރާ ކޮއްފައެވެ.އެއްފަހަރު ބޭނުންކުރުމައްފަހު އުކާލެވޭ ޕްލާސްޓިކް ފަދަ ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތަކާއި ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮއްފައެވެ. ދަރިވަރުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދަދިނުމުގެ ގޮތުން ދަރިވަރުންގެ ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ވަނީ ޑީން އާއި މަޝްވަރާކުރެވިފައެވެ.