ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން، މި ޖަމިއްޔާގެ ގޮތްޕެއްކަމަށްވާ ”އަހުރަ“އާ ގުޅިގެން ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2019 ފަށައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަނުގެ އިސްކަންދަރު އެއަރ ބޭސް އަދި ލާމު ގަމު ކައުންސިލްއެވެ. މި މެޗު 16 – 4ގެ ތަފާތު ބޮޑު ނަތީޖާއަކުން އިސްކަންދަރު އެއަރ ބޭސް ކާމިޔާބުކުރިއިރު، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރު އެއަރ ބޭސްގެ ޖާރޒީ ނަންބަރ 10 ޔޫސުފް ޢަބްދުﷲ އެވެ.
އޮކްޓޯބަރ 01ވީ އަންގާރަދުވަހުގެ ހަވީރު 05.00ގައި ކުޅެވުނު މުބާރާތުގެ 2 ވަނަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަނުގެ ގަން ރީޖަނަލް ހޮސްޕިޓަލް އަދި ލާމު ބްލޫސް އެވެ. މި މެޗު 7 – 1ން ކާމިޔާބުކުރީ ގަން ރީޖަނަލް ހޮސްޕިޓަލް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަން ރީޖަނަލް ހޮސްޕިޓަލްގެ ޖާރޒީ ނަންބަރ 19 އަހްމަދު ނާސިފެވެ.


މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 4 ޓީމެއް ވާދަކުރާއިރު އަންހެން ޑިވިޝަނުގައި ޖުމްލަ 10 ޓީމެއް ވާދަކުރެއެވެ. މި މުބާރާތަކީ ލ. އަތޮޅުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 01ން 06 އަށެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ އެކަމޮޑޭޝާން ޕާޓްނަރ އަކީ ”ނިރުވާނާ އިން ލާމު“ އެވެ. ސްޕޮންސަރުންގެ ތެރޭގައި ”ލ. ގަމު ކައުންސިލް“، ”ލ. ގަން ޕޮލިސް ސްޓޭޝަން“، ”ދިރާގު“، ”އައިލެންޑާސް އެސޯސިއޭޝަން“ އަދި ”އަމީގޯސް ސްޕޯޓްސް ކްލަބް“ ހިމެނެއެވެ. މިއަހަރުގެ މުބާރާތް ރާވާ، އިންތިޒާމު ކުރަނީ އެމް.އެން.ޔޫ.އެސް.ޔޫއިންނެވެ.
ލިޔުނީ: އާމިނަތު ޝަމާ މުޙައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ