އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2019 ގެ ދެވަނަ ދުވަހުގެ ފުރަތަމަ ދެމެޗް ފެނަކަ އަދި މޯލްޑިވިއަން އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ދުވަހުގެ ރޭގަނޑު ދަންފަޅީގައި ކުޅުނު ފުރަތަމަ މެޗުގައި އަންހެން ޑިވިޝަނުގެ ގުރޫޕް އޭގެ ފެނަކަ އަދި އިހައްދޫގެ ކުރިމަތިލުން ފެނަކައިން ކާމިޔާބުކުރީ 3-5 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކައިގެ ޖާރޒީ ނަމްބަރު 17، އާމިނަތު ލިއުޝާއެވެ.
ދެވަނަ މެޗުގައި އަންހެން ޑިވިޝަނުގެ ގްރޫޕް އޭގެ މޯލްޑިވިއަން އަދި ގަން ރީޖަނަލް ހޮސްޕިޓަލް ބައްދަލުކުރި މެޗު 5-11 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަން ރީޖަނަލް ހޮސްޕިޓަލް ބަލިކޮށް މެޗު ކާމިޔާބުކުރީ މޯލްޑިވިއަންއިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ ޖާރޒީ ނަމްބަރު 12، ފާތިމަތު ޝަރުމީލާއެވެ.


މިރޭގެ ތިންވަނަ މެޗުގައި އަންހެން ޑިވިޝަންގެ ގްރޫޕް ބީ އިން މުންޑޫ އަދި އިސްކަންދަރު އެއާ ބޭސް ބައްދަލުކުރަން ހަމަޖެހިފައިވީ ނަމަވެސް މުންޑޫ ޓީމް މެޗަށް ހާޒިރު ނުވުމުގެ ސަބަބުން މުބާރާތުގެ ތިންވަނަ މެޗުވަނީ 2-0ގެ ނަތީޖާ އަކުން އިސްކަންދަރު އެއާ ބޭސް އަށް ލިބިފައެވެ.
މިރޭގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޝަންގެ ގްރޫޕް ސީއިން ލާމު ގަން ކައުންސިލް އަދި ލާމު ބްލޫސްއެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗު ނިމިގެން ދިޔައީ 5-5ގެ ނަތީޖައަކުން ދެޓީމުވެސް އެއްވަރުވެގެންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލާމު ގަން ކައުންސިލްގެ ޖާރޒީ ނަމްބަރު 33 ހައްވާ ލިއުޝާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 4 ޓީމެއް ވާދަކުރާއިރު އަންހެން ޑިވިޝަނުގައި ޖުމްލަ 10 ޓީމެއް ވާދަކުރެއެވެ. މި މުބާރާތަކީ ލ. އަތޮޅުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 01ން 06 އަށެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ އެކަމޮޑޭޝާން ޕާޓްނަރ އަކީ “ނިރުވާނާ އިން ލާމު” އެވެ. ސްޕޮންސަރުންގެ ތެރޭގައި “ލ. ގަމު ކައުންސިލް”، “ލ. ގަން ޕޮލިސް ސްޓޭޝަން”، “ދިރާގު”، “އައިލެންޑާސް އެސޯސިއޭޝަން” އަދި “އަމީގޯސް ސްޕޯޓްސް ކްލަބް” ހިމެނެއެވެ. މިއަހަރުގެ މުބާރާތް ރާވާ، އިންތިޒާމު ކުރަނީ އެމް.އެން.ޔޫ.އެސް.ޔޫއިންނެވެ.
ލިޔުނީ: އާމިނަތު ސަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ