އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ”ބީ.އެސް ނައިޓް“ އަންނަ ހޮނިހިރު ދުހުގެ ރޭ ބޭއްވުމުގެ ތައްޔާރީތައް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ބީ.އެސް ނައިޓްގައި ބިޒްނަސް ސްކޫލް ދަރިވަރުންގެ އައިޓަމްތަކުގެ އިތުރަށް އެހެން ފެކަލްޓީތަކުގެ އައިޓަމްތައްވެސް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި އެފް.އެޗް.އެސްގެ އިތުރުން ސްކޫލް އޮފް ނާސިންގެ ފަރާތުންވެސް ތަފާތު އައިޓަމެއް ފެނިގެންދާނެއެވެ.


ބީ.އެސް ނައިޓްގެ ޓިކެޓް މިއަދު ދޫކުރަން ފަށާފައިވާއިރު ބީ.އެސް.އެސް.އޭގެ ރައީސް އަލީ ނިހާދު މެދުވެރިކޮށް ޓިކެޓް ލިބޭނެއެވެ. 13 އޮކްޓޯބަރ ވާ ދުހުގެ ރޭ 8:00ގައި ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އޮންނަ މި ހަފްލާއަށް އަންނައިރު ކޮންމެ ދަރިވަރަކުވެސް ހަފްލާގެ ތީމް ވިއްސާރަ ދުނީގެ ކުލަތައް ރަމްޒުކޮށްދޭ ރަސްމީ ހެދުމެއް ހިޔާރުކުރުމީ ބީ.އެސް.އެސް.އޭގެ ވަރަށްބޮޑު އެދުމެކެވެ.
7 އޮކްޓޯބަރ 2018 ވީ އާދިއްތަ ދުވަހު އެމް.އެން.ޔޫ ބިޒްނަސް ސްކޫލަށް 27 އަހަރު ފުރިފައިވާއިރު ވޭތުވެދިޔަ ދިގު މާޒީގައި ބިޒްނަސް ސްކޫލުން ވިޔަފާރި އާއި އިޤްތިޞާދާ ގުޅުންހުރި އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވަނީ ދަސްވެނިވެފައެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ (ބީ.އެސް.އެސް.އޭ، މީޑިއާ ކޯޑިނޭޓަރ)