އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފައިނަލް މިފަހަރުވެސް އެފް.އެޗް.ޓީ.އެސް ޔަޤީންކޮށްފިއެވެ. ފިރިހެން ޑިވިޝަންގައި ޖުމްލަ 17 ޓީމެއް ވާދަކުރި އިރު ސެމީ ފައިނަލް ކާމިޔާބުކޮށް އެފް.އެޗް.ޓީ.އެސް އާއެކު ފައިނަލްގައި ވާދަކުރާނީ މެޕްސް ކޮލެޖެވެ.
ސެމީ ފައިނަލްގައި ސައިރެކްސް ކޮލެޖާއި ވާދަކޮށް 5-1 ގެ ނަތީޖާއިން މެޕްސް ކޮލެޖު ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 9 އަފްރާހް މުހައްމަދެވެ. މީގެ އިތުރުން އެފް.އެޗް.ޓީ.އެސް ފައިނަލަށް ދަތުރުކުރީ 4-0 ގެ ނަތީޖާއިން އައި.ޔޫ.އެމް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުމެއް ދެއްކީ އެޓީމުގެ ޖާރޒީ ނަންބަރ 7 އަބްދުލް ވާހިދު އިބްރާހިމްއެވެ.
މި ފޯރިގަދަ މެޗުތައް ބައްލަވައިލެއްވުމަށްޓަކައި ބައެއް ޝަރަފުވެރިން ވަޑައިގަތެވެ. އެގޮތުން އެމް.އެން.ޔޫގެ ޑެޕިއުޓީ ޗާންސެލާ އަލްފާޟިލާ އައިޝަތު ޝަހީން، އެމް.އެން.ޔޫ ގެ ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަހުމަދު، އެމް.އެން.ޔޫ.އެސް.ޔޫ ގެ ކުރީގެ ރައީސް އަލްއުސްތާޛް އަލީ ރަޝީދުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑު މެމްބަރުންވެސް ބައިވެރި ވިއެވެ.


މުބާރާތުގެ ފައިނަލް މާދަމާ 15:45 ގައި ފެށިގެންދާއިރު ފުރަތަމަ ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ކްލިކް ކޮލެޖާއި އެވިޑް ކޮލެޖެވެ. އެއަށްފަހު 16:30 ފިރިހެން ޑިވިޝަނުން މެޕްސް ކޮލެޖާއި އެފް.އެޗް.ޓީ.އެސް ބައްދަލުކުރާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ ( އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)