ގދ. ތިނަދޫ އަންހެނުން ކުރިއަރުވާ ކޮމިޓީން އިންތިޒާމުކޮށް އެ ރަށުގައި ކުރިއަށްދާ ”ހިޔަލަ ހޭންޑްބޯޅަ މުބާރާތް 2018″ގެ ފައިނަލަށް ”ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)“ގެ ގޮތްޕެއްކަމަށްވާ ”ނޭކަ“އިން ދަތުރުކޮށްފިއެވެ.


މި މުބާރާތުގެ ފައިނަލަށް ”ނޭކަ“ ޓީމު ދަތުރުކުރީ ސެމީ ފައިނަލުގައި ”ފެނަކަ-ތިނަދޫ ބްރާންޗް“ ޓީމުގެ މައްޗަށް 9 – 4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ފައިނަލުގައި ”ނޭކަ“ ވާދަކުރާނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބައްދަލުކުރި ”މޯލްޑިވްސް އިސްލާމިކް ބޭންކް – ތިނަދޫ ބްރާންޗް“ގެ ޓީމާ އެވެ. މި 2 ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމިގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު 9 – 8ގެ ނަތީޖާއަކުން ”މޯލްޑިވްސް އިސްލާމިކް ބޭންކް – ތިނަދޫ ބްރާންޗް“ގެ ޓީމު ކުރިހޯދައިގެންނެވެ.
ފައިނަލް މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ އެހެން ހުރިހާ މެޗެއް ކުޅެވުނު ”ޒޯން 7 ސްޓޭޑިއަމް“ގެ ހޭންޑްބޯޅަ ކޯޓުގައެވެ. 07 އޯގަސްޓް 2018ވާ އަންގާރަދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރޭގަނޑު 08:45ގައެވެ.


”ނޭކަ“ އަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ޤާއިމުކޮށްފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮތްޕެވެ. ”ނޭކަ“އިން މި ހޯދަމުންދާ ކާމިޔާބީއަކީ އެމް.އެން.ޔޫ.އެސް.ޔޫއިން މާލެއިން ބޭރުގައި ހޯދަމުންދާ ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.


”ހިޔަލަ ހޭންޑް ބޯޅަ މުބާރާތް 2018″ގެ ޓައިޓްލް ސްޕޮންސަރ އަކީ ”ތިނަދޫ ކައުންސިލް“ އެވެ. އަދި މެއިން ސްޕޮންސަރ އަކީ ”ބޭންކް އޮފް މޯލްޑިވްސް“ އެވެ.
– މުހައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ