މި ހިނގާ އޯގަސްޓްމަހުގެ 4 ން 7 ށް ކުރިޔަށް ގެންދެވުނު ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އެމް.އެން.ޔޫ.އެސް.ޔޫ ނޭކަ ޓީމުން ހޯދައިފިއެވެ. 7 އޯގަސްޓް 2018ވީ އަންގާރަދުވަހުގެރޭ 08:45ގައި ޒޯން 7 ސުޓޭޑިއަމް ގައި ބޭއްވުނު މި މުބާރާތުގެ ފައިނަލްގައި މޯލްޑިވްސް އިސްލާމިކް ބޭންކާ ވާދަކޮށް އެމް.އެން.ޔޫ.އެސް.ޔޫ ނޭކަ ޓީމުން މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް އިސްލާމިކު ބޭންކުގެ މައްޗަށް 7-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެމް.އެން.ޔޫ.އެސް.ޔޫ ނޭކަ ޓީމްގެ ޖާޒީ ނަންބަރ 6، އައިމިނަތު ޝަފާ އެވެ.


މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހޮވުނު ވަނަތަކުގެ ތެރެއިން، މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި އެމް.އެން.ޔޫ.އެސް.ޔޫ ނޭކަ ޓީމުގެ 3 ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ. އެއީ ޖާޒީ ނަންބަރ 6 އައިމިނަތު ޝަފާ، ޖަޒީ ނަންބަރ 5 އަސްނާ ހަސަން އަހުމަދު އަދި ޖާޒީ ނަންބަރ 20 އާއިޝަތު ޝާރިފާ މުހައްމަދު އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ގަދަ 7 ގައި ހިމެނުނު އެމް.އެން.ޔޫ.އެސް.ޔޫ ނޭކަ ޓީމުގެ ކުޅުންތެރިޔާ ޖާޒީ ނަންބަރ 6 އައިމިނަތު ޝަފާ އެވެ.


ރޭގެ ރަސްމިއްޔާތުގައި ޗެންޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ގދ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވޭތުވެދިޔަ ދައުރުގެ މެންބަރ، އަދި މިހާރުގެ ފިޓްނަސް އިންސްޓުރަކްޓަރ އަޙުމީމާ އަޙުމަދުއެވެ.


”ނޭކަ“ އިން މި ހޯދި ކާމިޔާބީއަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން މާލެއިން ބޭރުގައި ހޯދި ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.
”ނޭކަ“ އަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ޤާއިމުކޮށްފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮތްޕެވެ.


”ހިޔަލަ ހޭންޑް ބޯޅަ މުބާރާތް 2018″ގެ ޓައިޓްލް ސްޕޮންސަރ އަކީ ”ތިނަދޫ ކައުންސިލް“ އެވެ. އަދި މެއިން ސްޕޮންސަރ އަކީ ”ބޭންކް އޮފް މޯލްޑިވްސް“ އެވެ. މި މުބާރާތަކީ ގދ. ތިނަދޫ އަންހެނުން ކުރިއަރުވާ ކޮމިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދެވުނު މުބާރާތެކެވެ.