ތަފާތު ބޮޑު ނަތީޖާއަކުން އެފް.އެޗް.ޓީ.އެސް ބަލިކޮށް އެފް.އެލް.އައި.އެސް މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ނެޓްބޯޅަ މުބާރާތް 2019ގެ ދެވަނަ ދުވަހުގެ މެޗުތައް ނިމުމާއިއެކު މުބާރާތުގެ ކުއާޓަރ ފައިނަލުގައި ވާދަ ކުރާ ބައެއް ޓީމުތައް މިރޭ ވަނީ ކަށަވަރުވެފައެވެ.
މުބާރާތުގެ ދެވަނަ ދުވަހުގެ ރޭގަނޑު ދެމެޗް ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަނާއި، އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ 18-33 ޕޮއިންޓްއިން އެމް.އެން.ޔޫ ބިޒްނަސް ސްކޫލު މެޗު ކާމިޔާބު ކޮށްގެނެވެ. މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި 6 ޕޮއިންޓާއެކު މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ އެމް.އެން.ޔޫ ބީއެސްއިން ވަނީ ކަށަވަރު ކޮށްފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމް.އެން.ޔޫ ބީ.އެސްގެ ޝައްމާ އަހުމަދެވެ.


މުބާރާތުގެ ދެވަނަދުވަހުގެ ރޭގަނޑު ކުޅުނު އެންމެ ފަހު މެޗުގައި މޮޅު ކުޅުމަކާއިއެކު އެފް.އެލް.އައި.އެސް.އިން އެފް.އެޗް.ޓީ.އެސް ބަލި ކުރީ 41-05 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ދެޓީމުންވެސް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގަ ހޯދައިފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެފް.އެލް.އައި.އެސްގެ ޖޫޒާން ޚަލީލެވެ.


ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އިން ކުއާޓަރ ފައިނަލަށް ދަތުރުކުރީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ 6 ޕޮއިންޓް ހަމަކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. 3 ޕޮއިންޓާއެކު ގްރޫޕް ސީގެ އެފް.އެޗް.ޓީ.އެސް އޮތީ ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ.
ލިޔުނީ: އާމިނަތު ޝަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ