މިހާރު ކުރިއަށްދާ އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން އިސްކަންދަރު އެއަރބޭސް އަދި ފެނަކަ ޖާގަ ހޯދައިފިއެވެ.
އިސްކަންދަރު އެއަރބޭސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 14-4ން ލ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކުރުމަށްފަހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްކަންދަރު އެއަރބޭސްގެ ޖާރޒީ ނަންބަރ 5 މައީޝާ އަބްދުލް ހަންނާނެވެ.
ފެނަކަ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 8-5ގެ ނަތީޖާއަކުން މޯލްޑިވިއަން ބަލިކުރުމަށްފަހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށއ ހޮވުނީ ފެނަކަ ޓީމުގެ ޖާރޒީ ނަންބަރ 11 ފާތިމަތު މަޒިއްޔާ އެވެ.
އަންހެން ޑިވިޝަނުގެ ފައިނަލް އޮންނާނީ އޮކްޓޯބަރ 06ވާ އާދިއްތަދުވަހުގެރޭ 08.00ގައި ލ. ގަން މަތިމަރަދޫ ފުޓްސަލް ދަނޑުގައެވެ.


މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 4 ޓީމެއް ވާދަކުރާއިރު އަންހެން ޑިވިޝަނުގައި ޖުމްލަ 10 ޓީމެއް ވާދަކުރެއެވެ. މި މުބާރާތަކީ ލ. އަތޮޅުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 01ން 06 އަށެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ލ. ގަމު ކެމްޕަހުގައި ޤާއިމުކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި އަހުރައިންނެވެ. މިފަހަރުގެ މުބާރާތުގައި އެމް.އެން.ޔޫ.އެސް.ޔޫއިން ދަނީ މުބާރާތް އިންތިޒާމުކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.
މިއީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ބާއްވާ މިފަދަ 3 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ އެކަމޮޑޭޝާން ޕާޓްނަރ އަކީ “ނިރުވާނާ އިން ލާމު” އެވެ. ސްޕޮންސަރުންގެ ތެރޭގައި “ލ. ގަމު ކައުންސިލް”، “ލ. ގަން ޕޮލިސް ސްޓޭޝަން”، “ދިރާގު”، “އައިލެންޑާސް އެސޯސިއޭޝަން” އަދި “އަމީގޯސް ސްޕޯޓްސް ކްލަބް” ހިމެނެއެވެ. އަދި ހަމަ އެހެންމެ އެމް.އެން.ޔޫގެ ލ. ގަން ކެމްޕަހުން ދެއްވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރެވެއެވެ.
ލިޔުނީ: އާމިނަތު ސަމާ މުހައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ