ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ގަން ކެމްޕަހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ޤާއިމުކޮށްފައިވާ ގޮފި ކަމަށްވާ ”އަހުރަ“އިގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ބައްދަލުކުރައްވައިފިއެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ލ. ގަމަށް ކުރައްވަމުންދާ ދަތުރުގައި މި ބައްދަލުވުން ބޭއްވިއިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް، ނައިބު ރައީސް (އަމަލީ) ޙަސަން ޝާހު، ޚަޒާންދާރު ﷲޢަބްދު ޝަހުނީޒްގެ އިތުރުން މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ޝާން ޢާމިރު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޙުސައިން ޢަލީ (ކޭޑީ) ވަނީ ބައިވެރިވެލައްވާފައެވެ. މި ބައްދަލުވުމުގައި ”އަހުރަ“ ގޮފީގެ ސެކްރެޓަރީ ފިޔަވައި ބާކީ ތިއްބެވި 5 މެންބަރުން ބައިވެރިވެލެއްވިއެވެ.


7 މެއި 2018ވީ ހޯމަދުވަހުގެ ހަވީރު 04:00ގައި މި ބައްދަލުވުން ބޭއްވުނުއިރު، މި ބައްދަލުވުމުގައިވަނީ ގިނަ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ”އަހުރަ“އަށް ޙަރަކާތްތައް ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ގިރާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފްވަނީ ”އަހުރަ“ އަކީ ކެމްޕަސްތަކުގެ ގޮފިތަކުގެ ތެރެއިން އެންމެ ދޮށީ ގޮފިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ކެމްޕަސް ގޮފިތަކުގެ ޙަރަކާތްތަކަށް ބަލާއިރު، ”އަހުރަ“ މިއަހަރު އަދި އުޅެނީ ތަންކޮޅެއް ފަހަތުގައިކަން ވަނީ ފާހަގަކުރައްވާފައެވެ.


އެމް.އެން.ޔޫ ގަން ކެމްޕަހުގެ ކްލާސް ރޫމެއްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ”އަހުރަ“ ގޮފީގެ ރައީސް ވާހަކަދައްކަވަމުން ވިދާޅުވީ ކަންތައްތައްހުރި ގޮތުން އަދި އެންމެ އެކަށީގެންވާގޮތަށް ޙަރަކާތްތައް ހިންގިފައި ނެތްކަމުގައިވިޔަސް، މިއަހަރުތެރޭގައިވެސް ”އަހުރަ“އިން އެކި ޙަރަކާތްތައް ބޭއްވިފައިވާ ކަމުގައެވެ. އަދި ކުރިއަށް އޮތް ސެމިސްޓަރ ތެރޭގައި ތަފާތު ދައްކާނެކަމުގެ ޔަޤީންކަން އެބޭފުޅާވަނީ ދެއްވާފައެވެ. ”އަހުރަ“އިގެ ނައިބު ރައީސް (ޢަމަލީ)ގެ ވާހަކަފުޅުގައި، އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން ގަން ކެމްޕަހުގެ ދަރިވަރުންނާ ބައްދަލުކުރެއްވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ބައްދަލުވުމުގެ ސަބަބުން ދަރިވަރުން އިތުރަށް ޙަރަކާތްތެރިވެ، ”އަހުރަ“އިގެ ޙަރަކާތްތަކުގައި އިތުރަށް މަސައްކަތްކުރައްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.