ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ބައެއް ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މަޤާމުތައް ހުސްވުމުގެ ސަބަބުން ބޭއްވުނު ބައި އެލެކްޝަންތައް ކާމިޔާބުކުރި ފަރާތްތަކަށް މަޤާމު ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ 5 ޖޫން 2018ވީ ހޯމަދުވަހުގެ މެންދުރުފަހު 01:00ގައި އެމް.އެން.ޔޫ އޭ-ބްލޮކް 4 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުގައެވެ. މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އާއި އެމް.އެން.ޔޫ ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މީގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފްގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ހިންގާ ކޮމިޓީގެ މެންބަރުންވެސް ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޢަލީ ޝަމްޢޫންކަމަށްވާއިރު، މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް މަޤާމު ޙަވާލުކޮށްދެއްވާފައިވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އެވެ. މިގޮތުން ފެކަލްޓީ އޮފް އާރޓްސްގައި ޤާއިމުކުރެވިފައިވާ ގޮފިކަމަށްވާ ”ސިއާ“ގެ ރައީސް ކަމަށް، ކުރިން ނައިބު ރައީސް (ޢަމަލީ)ގެ މަޤާމުގައި ހުންނެވި، އަޙްމަދު ސުނޫން ވަނީ ކުރިމަތިލައްވާ އެ މަޤާމު ކާމިޔާބުކުރައްވާފައެވެ. އަދި ނައިބު ރައީސް (ޢިލްމީ)ގެ މަޤާމަށް ހޮވިފައިވަނީ އަޙްމަދު ޝައްފާޒެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައި ޤާއިމުކުރެވިފައިވާ ގޮފިކަމަށްވާ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ ނައިބު ރައީސާ (އަމަލީ)ގެ މަޤާމަށް ހޮވިފައިވަނީ އާމިނަތު ޝާނީ އެވެ. ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގައި ޤާއިމްކުރެވިފައިވާ ގޮފިކަމަށްވާ ”ތަރަޙަ“އިގެ ރައީސާކަމުގެ މަޤާމަށް ކުރިން ސެކްރެޓަރީގެ މަޤާމުގައި ހުންނެވި، ޢާއިޝަތު ލަޔާލް އަޙްމަދު ވަނީ ކުރިމަތިލައްވާ އެ މަޤާމު ކާމިޔާބުކުރައްވާފައެވެ. ސެކްރެޓަރީގެ މަޤާމަށް ޢާއިޝަތު އީފާ އިބްރާހީމް ހޮވުނުއިރު އެ ގޮފީގެ މީޑިއާ ކޯޑިނޭޓަރގެ މަޤާމަށް ހޮވިފައިވަނީ ޢަބްދުﷲ އަޠޫފް އާޠިފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ވައިސް ޗާންސެލަރ ފާހަގަކުރެއްވިގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކަކީ އެމް.އެން.ޔޫ.އެސް.ޔޫ އާއި ގުޅިގެން ތަފާތު ޙަރަކާތްތައް އިންތިޒާމުކޮށް އެމް.އެން.ޔޫ ދަރިވަރުންނަށް ކުރިއެރުން ގެނެސްދޭން ތިބި ބަޔެކެވެ. އަދި މަޤާމެއްގައި ނެތް ދަރިވަރުންވެސް ޝާމިލުކޮށްގެން ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ޑީން އޮފް ސްޓޫޑެންޓްސްވެސް ރަސްމިއްޔާތުގައި ވާހަކަދެއްކެވިއިރު އެކަމަނާގެ ވާހަކައިގައި ގޮފިތަކުން ކުރަމުންގެންދާ މަސައްކަތަށްވަނީ ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށްއޮތްތަނުގައި މިއަދު މަޤާމަށް ހޮވުނު ދަރިވަރުންގެ ފަރާތުންވެސް ލާމަސީލު މަސައްކަތްތަކެއް ފެންނާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސްވެސް ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅާ ފާހަގަކުރެއްވިގޮތުގައި ކޮންމެ ގޮތްޕެއްގެ މަސައްކަތްތައް ކުރިއަށްދާއިރުވެސް މަސައްކަތްކުރަންޖެހޭނީ ހަމައެކަނި އެންމެ ފަރާތަކުންނޫންކަމާއި، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުންވެސް ގުޅިގެން މަސައްކަތްކުރުމުން ކާމިޔާބުލިބޭނެއެވެ.
މަޤާމުތަކަށް ހޮވުނު ހުރިހާ ފަރާތްތަކަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން މަރުޙަބާކިޔަމެވެ.