ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއްކަމަށްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018“ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ 03 އޯގަސްޓު 2018ން ފެށިގެން 18 އޯގަސްޓު 2018 އަށެވެ. މުބާރާތް ހުޅުވާލާފައިވަނީ މާލޭގައި ހިންގަމުންދާ އެމް.އެން.ޔޫ ފެކަލްޓީތަކާއި، ހައި ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވަރސިޓީތަކަށެވެ.
މިމުބާރާތަކީ ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި، ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޞިއްޙީގޮތުން ދުޅަހެޔޮބަޔަކަށް ހެދުމުގެ މަޤުޞަދުގައި އެމް.އެން.ޔޫ.އެސް.ޔޫއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތުގައި މިއަހަރު މުޅީން އަލަށް ފިރިހެން އަދި އަންހެން ޑިވިޜަން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތައް ރެޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 23 ޖުލައި 2018 އެވެ. އަދި ޓީމު ލިސްޓުތައް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2018 އެވެ. ފޯމުތައް ހުށަހަޅަންޖެހޭނީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހަށެވެ. މުބާރާތުގެ ޤަވާއިދާއި، ރެޖިސްޓްރޭޝަން ފޯމު އަދި ޓީމު ލިސްޓުގެ ފޯމު، އެމް.އެން.ޔޫ.އެސް.ޔޫގެ ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބެން ހުންނާނެއެވެ.
މިއީ މި މުބާރާތް ބާއްވާ 6 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމު އުނގަންނައިދޭ މުއައްސަސާތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނީއްސުރެ ކޮންމެ އަހަރަކުވެސް މި މުބާރާތް ބާއްވަމުން އަންނައިރު، މިދިޔަ އަހަރު މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމް.ޕީ.އެލް އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ މައި ކޮލެޖެވެ.