އެފް.އެޗް.ޓީ.އެސް އަކީ ހުރިހާ ކަމަކުންވެސް ތަފާތު ދައްކަމުން އަންނަ ބައެކެވެ. ކުލާހަށް ދާއިރު ހެދުން އަޅާ އުސޫލުން ފެށިގެން މުބާރާތްތަކުގައި ސަޕޯޓުކުރުމާއި ހަމަޔަށް ފެންނަނީ ތަފާތުކަމެވެ. މި އަހަރުގެ އެމް.ޑަބްލިއު.އެސް.ސީ.އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައިވެސް އެފް.އެޗް.ޓީ.އެސްގެ ޓީމުތަކުން ވަނީ ތަފާތު ދައްކާފައެވެ. އެހެން ޓީމުތަކަށް ރަނގަޅު ނަމޫނާއެއް ދައްކާފައެވެ.
މިއަހަރުގެ އޭޕްރިލް މަހުގައިއޮތް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯލް ޓޯރނަމެންޓާއި ދިމާކޮށް އެފް.އެޗް.ޓީ.އެސް އިންވަނީ ”އެފް.އެޗް.ޓީ.އެސް އެގެއިންސްޓް ސިންގަލް ޔޫސް ޕްލާސްޓިކް“ ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދެކޮޅަށް ހިނގާ ކެމްޕެއިނެކެވެ. އެގޮތުން، ވޮލީ މުބާރާތުގައި އެފް.އެޗް.ޓީ.އެސް ގެ ޓީމުތަކުން ފެން އަޅަން ބޭނުންކޮށްފައިވަނީ ”ރިޔޫސެބަލް“ ފުޅިތަކެކެވެ. ހަމަ އެފަދައިން، އެމް.ޑަބަލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައިވެސް އެފް.އެޗް.ޓީ.އެސްގެ ޓީމުތަކުން ވަނީ މި ކެމްޕެއިން ޕްރޮމޯޓުކޮށްފައެވެ.
އެމް.ޑަބަލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައި އެފް.އެޗް.ޓީ.އެސް ގެ ޓީމުތަކުން ބޭނުންކޮށްފައިވަނީ ”ރިޔޫސެބަލް“ ފުޅިތަކުގެ އިތުރުން ކޫލަރެކެވެ. ފުޅިތަކުގައި ފެން ހުސްވުމުން، ޓީމުގެ އޮފިޝަލުންތަށް ދިޔައީ ފުޅިތަކަށް ފެންއަޅަމުންނެވެ. ހަމައެހެންމެ އެފް.އެޗް.ޓީ.އެސް ޓީމުތަކުގެ ޕްރެކްޓިސްތަކުގައިވެސް ކަންކޮށްފައިވަނީ ހަމަ މިގޮތަށެވެ. މީގެއިތުރުން މެޗު ގަޑީގައި ޓީމު ކުޅުންތެރިންނާއި އޮފިޝަލުންނަށް ގެންގޮސްފައިވަނީ ”ހަންޑްރެޑް ޕްލަސް“ ފުޅިގެ ބަދަލުގައި ދަޅެވެ.
އެފް.އެޗް.ޓީ.އެސް ގެ ޓީމުތަކުން މިގޮތަށް ކަންތަށް ކޮށްގެން ޕްލާސްޓިކް ހުސްނުކުރެވުނެއްކަމު، އުކާލެވޭ ޕްލާސްޓިކް ފުޅީގެ އަދަދު މަދުކުރެވޭނެކަން ޔަޤީނެވެ. މިސާލަކަށް މުބާރާތުގެ 6 މެޗުގައި، ކޮންމެ މެޗަކަށް 24 ފުޅީގެ ރޭޓުން ބަލަންޏާ، މުޅި މުބާރާތްތެރެއިން އެ އުކާލެވެނީ ޖުމްލާ 144 ފުޅިއެވެ. ޚަރަދަށް ބަލާއިރު އެއީ 390 ރުފިޔާއެވެ. މިދެކެވެނީ އަދި އެންމެ ޓީމެއްގެ ވާހަކައެވެ. އެފް.އެޗް.ޓީ.އެސް ގެ ދެޓީމު ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މީގެއިތުރުން ޕްރެކްޓިސް ތަކުގައި ފެން ގަންނަ ނަމަ ގާތްގަނޑަކަށް ޕްރެކްޓިހަކަށް 1.5 ލީޓަރުގެ 6 ފުޅި ވަރު ދާނެއެވެ. އެހެންކަމުން މިގޮތަށް ކަންތަށް ކުރުމުން އުކާލެވޭ ފުޅިތަކުގެ އަދަދު މަދުވެ، މުބާރާތާއި ދިމާކޮށް ކުރަންޖެހޭ ޚަރަދުތަށް ބޮޑުތަނުން ކުޑަވެއެވެ.
އެފް.އެޗް.ޓީ.އެސް ގެ ފިރިހެން ޓީމާއި ޕޮލިޓެކްނިކް ބައްދަލުކުރި މެޗު ނިންމާލުމަށް ފަހު، އެމް.އެން.ޔޫ ގެ ޑީން އޮފް ސްޓުޑެންޓްސް، ނާދިޔާ މިސް ވިދާޅުވިއެވެ. ”މިސް ވަރަށް އުފާވެއްޖެ ތިކުދިން ޕްލާސްޓިކް ފުޅި ބޭނުން ނުކުރާތީ“. މީގެއިތުރުން އެމް.އެން.ޔޫ ގެ ކުރީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޝާހީން މިސް ވިދާޅުވިގޮތުން މިއީ ވަރަށް ”ސަޅި“ ކަމެކެވެ. މިފަދަ އިސްފަރާތްތަކުން ލިބޭ އެއްބާރުލުމަކީ މި ކެމްޕެއިން އިތުރަށް ފުޅާކުރުމަށް ލިބޭ ހިތްވަރެކެވެ.
ކުރިޔަށް ހުރި ހަރަކާތްތަކުގައިވެސް އެފް.އެޗް.ޓީ.އެސް އިން ކަންކުރަން ހަމަޖެހިފައިވްނީ ހަމަ މިގޮތަށެވެ. އަދި އެފް.އެޗް.ޓީ.އެސް ގެ ވެސް، ޝެޓްސް ގެ ވެސް އުއްމީދަކީ އެހެން ފެކަލްޓީތަކުން އަދި ކޮލެޖުތަކުން އެފް.އެޗް.ޓީ.އެސް ނަމޫނާ އަކަށް ބަލައި، ޕްލާސްޓިކް ފުޅިއަށް ނޫނެކޭ ބުނުމެވެ.
ލިޔުނީ: އާއިޝަތު ޝަމްލާ،
މީޑިއާ ކޯޑިނޭޓަރ، ޝެޓްސް