އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ކުއާޓަރ ފައިނަލުގައި ކުޅުނު އެންމެ ފަހު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޝަނުން އެމް.އެން.ޔޫގެ ދެ ފެކަލްޓީ ކަމުގައިވާ ފެސްޓްއާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ. މި މެޗުގައި ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމާއެކު ޖެހި ޕެނަލްޓީގައި ފެސްޓްއިން ކުރި ހޯދައި ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ 4-5ގެ ނަތީޖާއަކުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެސްޓްގެ ޖާރޒީ ނަމްބަރު 9، ޠަލާލް ނަސީރެވެ.
ކުއާޓަރ ފައިނަލުގެ އެންމެ ފަހު މެޗުގައި ފިރިހެން ޑިވިޝަންގެ އެވިޑް ކޮލެޖް އަދި އެމް.އައި ކޮލެޖް ބައްދަލުކުރި މެޗުގައި 1-1 އިން ދެޓީމު އެއްވަރުވެފައި ވަނިކޮށް އެވިޑް ކޮލެޖުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ޕެނަލްޓީގައި 4-5 އިން އެމް.އައި ކޮލެޖުގެ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެވިޑް ކޮލެޖުގެ ޖާރޒީ ނަމްބަރު 1، ޒައިދާން އަހުމަދެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގެ މެޗުތައް ނިމި ސެމީ ފައިނަލުގައި ވާދަކުރާ ހުރިހާ ޓީމުތައް މިރޭވަނީ ކަށަވަރުވެފައެވެ. އެގޮތުން ސެމީ ފައިނަލުގެ ވާދަވެރި މެޗުތައް ކުޅެން ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުއެވެ.


އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ޓައިޓްލް ސްޕޮންސަރަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އެވެ. މި މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ އެމް 7އެވެ. ސްޕޮންސަރުންނަކީ ދިރާގު އަދި ވިޒިޓް ލާމްއެވެ. މީޑިއާ ޕާޓްނަރަކީ ޕީ.އެސް.އެމް ސްޕޯޓްސްއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ޘާނަވީ ދާއިރާގައި ބާއްވާ އެންމެބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވައި އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 7ވަނަ މުބާރާތެވެ. 2013އިން ފެށިގެން މެދުކެނޑުމެއްނެތި މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. މި މުބާރާތް ހުޅުވާލާފައިވަނީ އެމް.އެން.ޔޫގެ ފެކަލްޓީތަކާއި ދިވެހިރާއްޖޭގެ އެހެނިހެން ކޮލެޖުތަކަށެވެ. މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނެއެވެ. މުބާރާރުގައި އަންހެން ޑިވިޝަން އެންމެ ފުރަތަމަ ހިމެނީ 2018ވަނަ އަހަރުއެވެ.
ލިޔުނީ: އާމިނަތު ޝަމާ މުޙައްމަދު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ