ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުންދޭ ޖަމިއްޔާގެ އެންމެ މަތީ ޝަރަފު ”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ގެ ލަޤަބު އަލްފާޟިލް މުޙައްމަދު ރަޝީދު އަޙްމަދު، މާލެ މުނިސިޕަލްޓީ ދަފްތަރު 174/94 (އެމް.އެން.ޔޫގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް) އަށް އަރުވައިފިއެވެ. މި ޝަރަފު އަރުވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން 09 ޖޫން 2018ވީ ހޮނިހިރުދުވަހުގެރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ”އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފުވެރިންގެ ޙަފްލާ“ގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން މި ޝަރަފު ޙަވާލުކޮށްދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ޝާން ޢާމިރެވެ.
”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު ރޮނގުތަކުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެމް.އެން.ޔޫ.އެސް.ޔޫ އިން 2018 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ މަތީ ޝަރަފެވެ. މި ޝަރަފު މީގެ ކުރިން 2 ބޭފުޅަކު ޙާޞިލްކުރައްވާފައިވެއެވެ.