ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މުބާރާތް ކުރިއަށްދާ އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގެ ވެލި ދަނޑުގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރި ކޮއްދީފައިވަނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އޮނަރަބަލް އަލްފާޟިލާ އިރުތިޝާމް އާދަމް، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އޮނަރަބަލް އަބުދުﷲ ރިފާއު އަދި އެމް.އެން.ޔޫ ޗާންސިލާރ ޑރ. މުހައްމަދު ލަތީފެވެ. އަދި އެމް.އެން.ޔޫ ގެ ”ޑީން އޮފް ސްޑޫޑެންޓްސް“ ނާދިޔާ އަހްމަދު އާއި އެމް.ޕީ.އެލްގެ ޗެއާމަން އަލީ ރިފާއުގެ އިތުރުން ކޮލެޖްތަކުގެ އިސްބޭފުޅުންވެސް މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު ވަނީ މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ޒުވާނުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކޮލެޖް ޔުނިވަރސިޓީ ތަކުގެ މެދުގައި ފުޓްސަލް މުބާރާތުގެ އިތުރުން ފުޓުބޯޅަ މުބާރާތެއްވެސް ބޭއްވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އޭގެ އިތުރުން ފުޓްސަލްފަދަ މުބާރާތްތައް ފަރިތަކުރާނެ ދަނޑެއް ލިބުމުގެ ދަތިކަމަށްވެސް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައި ކޮލެޖް ޔުނިވަރސިޓީ ދަރިވަރުންނަށް ޙާއްސަ ދަނޑެއް މާލެއިން ނުވަތަ ހުޅުމާލެއިން ހޯދައިދޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ދެއްވިއެވެ. އަދި ދަރިވަރުންނަށް ކުރިމަތި ވަމުންދާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމުގެ ވާހަކަ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ވިދާޅުވިއެވެ.


ރަސްމިއަޔާތަށްފަހު 4 މެޗެއް ރޭ ކުޅެވިގެން ދިޔައެވެ. އެގޮތުން އަންހެން ޑިވިޝަންއިން އެސް.އެން އަދި އެފް.އެޗް.ޓީ.އެސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތިޖާއިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޚުންތެރިއަކަށް ހޮވިފައިވަނީ އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 12 މަރިޔަމް މާޔާއެވެ. ފިރިހެން ޑިވިޝަންއިން ސީ.އެފް.އެސް އަދި ސައިރިކްސް ކޮލެޖު ކުޅުނުއިރު 0-4 ގެ ނަތީޖާއަކުން ސައިރިކްސް ވަނީ މޮޅުވެފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާ “ މޭން އޮފް ދަ މެޗު“ ހާސިލް ކޮއްފައިވަނީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 4 އަލީ އިފުރާދުއެވެ.
އެމް.އެން.ޔޫ.ބީ.އެސް އަދި އެމް.ބީ.އެސް ކޮލެޖުގެ މެދުގައި ވާދަވެރި ކުޅުމެއް ކުޅުމަށްފަހު މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާއިންނެވެ. މިމެޗުގައި އެންމެ މޮޅުކުޅުމެއް ދެއްކީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރު 3 ހަސަން ޒާހިދުއެވެ. އަދި އެފް.އެޗް.ޓީ.އެސް އާއި ވިލާ ކޮލެޖު ވާދަކޮށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދާފައިވަނީ ވިލާ ކޮލެޖެވެ. ވިލާ ކޮލެޖުގެ ޖާރޒީ ނަންބަރ 3 އިބުރާހިމް ނަދާދްއަށް ވަނީ މިމެޗުގެ ”މޭން އޮފް ދަ މެޗު“ ލިބިފައެވެ.
އެދުވަހު ހެދުނުވެސް 4 މެޗެއް ވަނީ ކުޅެފައެވެ. އޭގެތެރެއިން އަންހެން ޑިވިޝަން އިން އެމް.އެން.ޔޫ.ބީ.އެސް އަދި އެމް.އައި ކޮލެޖް ކުޅުނުއިރު 3-1 ގެ ނަތީޖާއިން އެމް.އެން.ޔޫ.ބީ.އެސް މެޗު ކާމިޔާބުކުރިއެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 5 ލަމްހާ އެވެ. ކްލިކް ކޮލެޖް އަދި އެވިޑް ކޮލެޖް ބައްދަލުކުރި މެޗުން 8-0 ނަތީޖާއަކުން ކްލިކް ކޮލެޖްވަނީ މޮޅުވެފައެވެ. މި މެޗުގެ “ ކުއީން އޮފް ދަ މެޗް“ ލިބިފައިވަނީ ކްލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 6 ފަރާ އަހުމަދަށެވެ.


ފިރިހެން ޑިވިޝަންގެ ފްލިސް އަދި އެވިޑް ކޮލެޖު ކުޅުނުއިރު އެވިޑް ކޮލެޖު 2-3 ގެ ނަތީޖާއިން ވަނީ ކުރިހޯދާފައެވެ. އެންމެ މޮޅު ކުޅުމެއް މިމެޗުގައި ދައްކާފައިވަނީ ފްލިސްގެ ޖާރޒީ ނަންބަރ 7 އަބުދުﷲ ޖައިލަމްއެވެ. އަދި ކްލިކް ކޮލެޖާއި އެމް.އައި ކޮލެޖު ބައްދަލުކޮށް 0-3 ގެ ނަތީޖާއިން އެމް.އައި ކޮލެޖު ކުރިހޯދާފައިވެއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އައި ކޮލެޖުގެ ޖާރޒީ ނަންބަރ 10 އަކްމަލް މުހައްމަދެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ
ލިޔުނީ: ފާތިމަތު ޒަހްރާ (އެމް.އެން.ޔޫ.އެސް.ޔޫ މީޑީއާ ޓީމް)