ރޭ ގުރޫޕް ސުޓޭޖުގެ އެންމެ ފަހު މެޗުތައް ނިމި ކުއާޓަރ ފައިނަލްގައި ވާދަކުރާ ޓީމުތައް ވަނީ ޔަޤީންވެފައެވެ.
އެގޮތުން ރޭ ކުޅުނު މެޗުތަކަށް ބަލާއިރު އަންހެން ޑިވިޝަންގެ އެވިޑް ކޮލެޖާއި އެފް.އީ ބައްދަލުކުރި މެޗުން 5-1 ގެ ނަތީޖާއިން އެވިޑް ކޮލެޖުވަނީ މެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އެވިޑް ކޮލެޖުގެ ޖާރޒީ ނަންބަރ 11 ލަމްހާ މުހައްމަދެވެ.
ފިރެހެން ޑިވިޝަންގެ މެޗުތަކަށް ބަލާއިރު އައި.ޔޫ.އެމް އާއި ފްލިސް ބައްދަލު ކުރި މެޗު 7-3 ގެ ނަތީޖާއިން ކުރި ހޯދާފައިވަނީ އައި.ޔޫ.އެމް އިންނެވެ. އެ ޓީމުގެ ޖާރޒީ ނަންބަރ 13 އަބްދުﷲ ފާރިޝް އަށް ވަނީ “ މޭން އޮފް ދަ މެޗު“ ލިބިފައެވެ. މީގެ އިތުރުން ފެސްޓް އަދި އެވިޑް ކޮލެޖު ކުޅުނުއިރު 2-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ ފެސްޓުއެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ ފެސްޓުގެ ޖާރޒީ ނަންބަރ 9 ތޮލާލް ނަސީރެވެ.
އެފް.އެޗް.އެސް އާއި ކްލިކް ކޮލެޖް ރޭ ބައްދަލު ކުރި މެޗުން 2-0 ގެ ނަތީޖާއިން އެފް.އެޗް.އެސް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.އެސް ގެ ޖާރޒީ ނަންބަރ 8 އިބުރާހިމް ހާމިދެވެ. އަދި މެޕްސް އިންޓަރނޭޝަނަލް ހައިސްކޫލް އާއި އެމް.އައި ކޮލެޖް ވާދަކުރިއިރު 3-10 ގެ ނަތީޖާއިން އެމް.އައި ކޮލެޖް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ”މޭން އޮފް ދަ މެޗް“ ލިބިފައިވަނީ އެމް.އައި ކޮލެޖްގެ ޖާރޒީ ނަންބަރ 12 މުހައްމަދު ނާއިޒް އަށެވެ.
އެމް.އެން.ޔޫ.ބީ.އެސް އާއި ޕޮލިޓެކްނިކް ކުޅުނު މެޗުން 4-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ އެމް.އެން.ޔޫ.ބީ.އެސް އެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އެމް.އެން.ޔޫ.ބީ.އެސް ގެ ޖާރޒީ ނަންބަރ 7 މުހައްމަދު ރިލްވާނެވެ. މީގެ އިތުރުން އެމް.ބީ.އެސް އާއި ސީ.އެފް.އެސް ވާދަކުރިއިރު 12-1 ގެ ތަފާތުން މެޗު ކާމިޔާބު ކުރީ އެމް.ބީ.އެސް އިންނެވެ. އެމް.ބީ.އެސް ގެ ޖާރޒީ ނަންބަރ 11 އަބްދުﷲ ވިޝާމް މި މެޗުގެ “ މޭން އޮފް ދަ މެޗު“ ވަނީ ހާސިލްކޮށްފައެވެ.


މިއަދު ހަވީރު ކުއާޓަރ ފައިނަލްގެ މެޗުތައް ފެށޭއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ ދެމެޗެވެ. އެއީ ކްލިކް ކޮލެޖާއި އެފް.އެޗް.އެސް އަދި މެޕްސް ކޮލެޖާއި އެވިޑް ކޮލެޖެވެ. މި ދެ މެޗަށްފަހު ފިރިހެން ޑިވިޝަންގެ އެފް.އެޗް.އެސް އާއި މެޕްސް ކޮލެޖް ވާދަކުރާއިރު އެފް.އެޗް.ޓީ.އެސް އާއި އެމް.އައި ކޮލެޖްވެސް ވަނީ ކުޅުމަށް ހަމަޖެހިފައެވެ.
ކުއާޓަރ ފައިނަލްގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު އަންހެން ޑިވިޝަން އިން އެމް.އެން.ޔޫ.ބީ.އެސް އާއި ސައިރިކްސް ކޮލެޖް އަދި ވިލާ ކޮލެޖާއި ފްލިސް ވާދަކުރާނެއެވެ. އަދި ފިރިހެން ޑިވިޝަންއިން ފެސްޓް އާއި ސައިރިކްސް ކޮލެޖް އަދި އެމް.އެން.ޔޫ.ބީ.އެސް އާއި އައި.ޔޫ.އެމް ވެސް ކުޅޭނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ (އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް)