ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ތިނަދޫ ކެމްޕަހުގައި ޤާއިމުކޮށްފައިވާ ގޮފި، ނޭކައިގެ 4 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފިއެވެ.
ހިންގާ ކޮމިޓީ އިފްތިތާހު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހަށް އަލަށް ގުޅުނު ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ފްރެޝާސް ނައިޓްގައެވެ.
މި ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޖައިޝް ޢަލީ ވަހީދާއި، އެސިސްޓެންޓް ސެކްރެޓަރީ ނަޖީލާ މޫސާ ނައީމް އަދި ކުރީގެ ރައީސް ޢަބްދުﷲ ޝަހުނީޒް ވަނީ ބައިވެރިވެފައެވެ.
03 މާރިޗުވީ ހުކުރުދުވަހުގެރޭ ތިނަދޫ ކެމްޕަހުގައި ކުރިއަށްދިޔަ މި ޙަރަކާތުގައި ހިންގާ ކޮމިޓީއަށް އިންތިޚާބުވި ދަރިވަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް ޢަބްދުﷲ ޝަހުނީޒް އަދި ކެމްޕަސް މެނޭޖަރ މުޙައްމަދު ޝަމީމް އާދަމެވެ.


މި ހަރަކާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ތިނަދޫ ކެމްޕަހުގެ ދަރިވަރު އާމިނަތު ނޫރާ އެވެ. މި ހަފްލާގައި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ވާހަކަ ދެއްކެވީ އެސިސްޓެންޓް ސެކްރެޓަރީ ނަޖީލާ މޫސާ ނައީމެވެ. އަދި މީގެ އިތުރުން ކެމްޕަސް މެނޭޖަރ މުޙައްމަދު ޝަމީމް އާދަމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ތިނަދޫ ކެމްޕަސް އޭ.ސީ.އެން ބެޗް 2 ގެ ދަރިވަރުންގެ ފަރާތުން ހުށަހެޅުމެއް ފެނިގެންދިޔަ މި ހަރަކާތުގައި ޓީމް ބިލްޑިންގ އެކި ގޭމްތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ހަރަކާތް އިންތިޒާމު ކުރެވިފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކެމްޕަސް ދަތުރުތަކާ ގުޅުވާ އެމް.އެން.ޔޫ.އެސް.ޔޫ އާއި ނޭކަ އަދި ތިނަދޫ ކެމްޕަސް ގުޅިގެންނެވެ.
އަތޮޅުތެރޭ ކެމްޕަސްތަކަށް އަހަރަކު އެއްފަހަރު ކުރެވޭ ކެމްޕަސް ދަތުރުތަކަކީ ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިޔަށް ގެންދާ ދަތުރުތަކެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނުކަމުގައިވިޔަސް މިދިޔަ އަހަރު މި ދަތުރުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.





