ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މުޅިން އަލަށް މިއަހަރުގެ ވޮލީ މުބާރާތުގައި ތައާރަފުކުރި ލެގަސީ ޝީލްޑްގެ މެޗު ކާމިޔާބުކޮށް، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް ގެ ފިރިހެން ޓީމުން ތާރީޙީ ކާމިޔާބީއެއް ހޯދައިފިއެވެ.
ބުދަ ދުވަހުގެ ރޭ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތައްފަހު އެމް.އެން.ޔޫ އެފް.އީ ފީ.އީ ހޯލުގައި ކުޅެވުނު ލެގަސީ ޝީލްޑް ފިރިހެން މެޗުގައި ބައްދަލުކުރީ ފާއިތުވި އަހަރުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރި ދެ ޓީމުކަމުގައިވާ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގެ ޓީމެވެ.
ފާއިތުވި 2 އަހަރު ވެސް ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޖެހިޖެހިގެން މުބާރާތުގެ ޗެމްޕިއަންކަން، ސީ.އެފް.އެސްގެ ޓީމުގެ މައްޗަށް ކުރި ހޯދައި ކާމިޔާބު ކޮށްފައިވަނީ ފެސްޓުންނެވެ. އެގޮތުން 2022 ވަނަ އަހަރު ފެސްޓުން ތަށި ކާމިޔާބުކުރީ ސީ.އެފް.އެސް އަށް ތަށި ލިބެން އެއް ޕޮއިންޓަށްވެފައި ވަނިކޮށް ފަހަތުން އަރައެވެ. އަދި ނިމިދިޔަ 2023 ވަނަ އަހަރު ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި، ފެސްޓުން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-22 އަދި 25-16ން ފެސްޓުން ގެންގޮސްފައިވަނިކޮށް، ފަހަތުން އަރާ ސީ.އެފް.އެސް އިން ވަނީ ތިންވަނަ ސެޓު 25-20 ން އަދި ހަތަރުވަނަ ސެޓު 25-21 ން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ފެސްޓުން ކާމިޔާބުކުރީ 15-10ންނެވެ.
ނަމަވެސް މިރޭގެ މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ފަސޭހަކަމާއެކު ސީ.އެފް.އެސްގެ ޓީމުން މެޗް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ސީއެފްއެސްއިން ސެޓުތައް ގެންދިޔައީ 25 – 8 އަދި 25 – 15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެފްއެސްގެ ޖާޒީ ނަމްބަރު 17 އިބްރާހީމް ނާލް މުހައްމަދު އިކްލީލެވެ.
މި ކާމިޔާބީ އާއެކު ސީ.އެފް.އެސް ގެ ޓީމުން މުބާރާތުގެ ފުރަތަމަ ބައްދަލު ކުރާނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ ޓީމާއެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި 9 ޓީމާއެކު، ޖުމުލަ 18 ޓީމު ވާދަކުރާނެއެވެ. އިންޓަރ ފެކަލްޓީ ވޮލީ މުބާރާތަކީ ޔޫނިއަނުން ބާއްވަމުން އަންނަ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މިއަހަރުގެ މުބާރާތަކީ މީގެ 10 ވަނަ މުބާރާތެވެ. މުބާރާތް ކުރިއަށްދާނީ މެއި އެއް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް އެމް.އެން.ޔޫ އެފް،އީ ޕީ.އީ ހޯލުގައެވެ.





