
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމުކުރި 8 ވަނަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަނުގެ 2ވަނަ އެމްއެންޔޫއެސްޔޫ ނޭކައިން ހޯދައިފިއެވެ.
އޮކްޓޫބަރު 8 ގައި އިން 16 އަށް ތިނަދޫ ސިޓީގައި ކުރިއަށް ދިޔަ މި މުބާރާތުގައި ނޭކައިން ވަނީ އަންހެން އަދި ފިރިހެން ޑިވިޜަނުގައިވެސް ބައިވެރިވެފައެވެ. އޮކްޓޫބަރު 16 ވަނަ ދުވަހުގެ ރޭ ކުޅުނު އަންހެން ޑިވިޜަނުގެ ފައިނަލުގައި މޮޅުވީ ސިޓީ ސްޓަރސްއެވެ. އެމްއެންޔޫއެސްޔޫ ނޭކަ އަތުން ސިޓީ ސްޓަރސް މޮޅުވީ 17-15 ގެ ނަތީޖާ އަކުންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުން އެމްއެންޔޫއެސްޔޫ ނޭކަ ޓީމް ވަނީ ބަލިވެފައެވެ. އަދި އަންހެން ޑިވިޜަނުގައި 4 މެޗު ކުޅުނު އިރު 1 މެޗުން އެއްވަރުވެ 3 މެޗުން މޮޅުވެފައިވެއެވެ.
މުބާރާތުގެ އަންހެން ޑިވިޜަނުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ނޭކަ ޓީމުގެ މަރިޔަމް ޔުމަން ޔާސިރު، ފިރުޝާނާ ނަސީރު އަދި ޝޫރާ ޔާސިރު ވަނީ ހޮވިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޭކަ ޓީމުގެ ފުރުޝާނާ ނަސީރުއެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކަށް ނޭކައިގެ އައިޝަތު ޒައިފާ ހޮވިފައިވާއިރު މުބާރާތުގެ ކުއީން އަކަށް ހޮވިފައިވަނީ ނޭކައިގެ ފިރުޝާނާ ނަސީރުއެވެ.
މިއީ ތިނަދޫގައި ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެމްއެންޔޫގެ ޓީމަކުން ބައިވެރިވި ފަހަރެކެވެ.






