ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުން ޔޫނިއަންގެ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެންޕިއަން ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް) އާއި ސްކޫލް އޮފް މެޑިސިން (އެސް.އެމް) ބައްދަލުކުރި މެޗު އެސް.އެމްގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މި މޮޅަކީ މި މުބާރާތުގައި އެޓީމުން ހޯދުނު ފުރަތަމަ މޮޅެވެ. ސީދާ ދެ ސެޓުން އެސް އެމް އިން މި މެޗު ކާމިޔާބުކުރީ 23-25 އަދި 25-19 އިންނެވެ. އެސް.އެމް ޓީމުގެ ތަފާތު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ ކެޕްޓަން ޖާޒީ ނަމްބަރ 01 ހަސަން ޝާމުއެވެ. ޝާމް ވަނީ ބާރު ޝޮޓުތަކެއްޖައި، އެސް.އެމްގެ ޓީމަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދީފައެވެ.
މިރޭ ދެވަނަ އަށް ކުޅެވިގެން ދިޔައީ ގުރޫޕް އޭ ގެ އިތުރު މެޗެއް ކަމަށްވާ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އާއި ސްކޫލް އޮފް ނާރސިންގ ބައްދަލުކުރި މެޗެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެސް.އެން އިން މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު އެސް.އެން އިން ގެންދިޔައީ 25-21 އިންނެވެ. އެފް.އެޗް.އެސްގެ ޓީމުން ދެވަނަ ސެޓުގައި ކުޅުން ވަރުގަދަކޮށް އެސް.އެން ޓީމުން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ވަނީ 3 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ވަރަށް އެއްވަރަށް ދެ ޓީމުން ވެސް ޕޮއިންޓު ހޯދަމުން ގޮސް އެސް.އެން އިން މި ސެޓުން މޮޅުވެ މެޗު ކާމިޔާބުކުރީ 26-24 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަކީ އެސް.އެން ޓީމުގެ ސެޓަރ ޖާޒީ ނަމްބަރ 18 ހުސައިން އިބްރާހިމެވެ.
ފިރިހެން ޑިވިޝަނުގެ ފޯރިގަދަ މެޗުތަކެއް 7 މެއި ވާ އަންގާރަ ދުވަހު ހަމަ އެމް.އެން.ޔޫ އެފް.އީ ފީ.އީ ހޯލުގައި ކުޅެވިގެންދާނެއެވެ. މުބާރާތް ނިމުމަކާ ގާތްވެފައި ވާއިރު މިހާރު ކުޅެވެމުން މިދަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެގޮތުން މާދަމާ ރޭ ކުޅުމަށް ތާވަލުކުރެވިފައިވަނީ ގުރޫޕް ބީ ގެ ފަހު ދެ މެޗެވެ.
ކުރިއަށްމިދާ ފޯރިގަދަ ވޮލީ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަނުން ބާއްވަމުން އަންނަ މީގެ 10 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 11 ވަނަ ދުވަހުއެވެ.





