ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންގެ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) ބައްދަލުކުރި މެޗުން އެފް.އޭ އަތުން މޮޅުވެ، އެފް.އެޗް.ޓީ.އެސްގެ ޓީމު ސެމީއިން ޖާގަ ކަށަވަރުކޮށްފިއެވެ.
ފިރިހެން ޑިވިޝަނުގެ ގުރޫޕް ބީގެ މެޗެއް ކަމަށްވާ އެފް.އޭ އަދި އެފް.އެޗް.ޓީ.އެސް ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން އެފް.އެޗް.ޓީ.އެސް ގެ ޓީމުން މެޗު ކަމިޔާބުކޮށްފައި ވަނީ 25-20 އަދި 25-18 އިންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ ކުޅިމެއް ފެނިގެންގޮސްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފް.އެޗް.ޓީ.އެސްގެ ކެޕްޓަން، ޖާޒީ ނަމްބަރު 39 އަހްމަދު އަބްދުއްރަޝީދެވެ.
ގުރޫޕް ބީގައި ދެން ކުޅެވިގެންދިޔަ މެޗުގައި ބައްދަލުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އާއި ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ. މި މެޗު ބޮޑު ތަފާތަކުން ސީ.އެފް.އެސްގެ މައްޗަށް ކުރި ހޯދައި މެޗު ކާމިޔާބުކުރީ އެމް.އެން.ޔޫ ބީ.އެސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ ބީ.އެސްގެ ޖާޒީ ނަމްބަރ 05 އަހުމަދު އިލްހާމް އަލީއެވެ.
މިރޭގެ މޮޅާއެކު ބިޒްނަސް ސްކޫލް ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރިއިރު، މި ގުރޫޕުގެ ދެވަނައިގައި އެފް.އެޗް.ޓީ.އެސް ވަނީ ސެމީއިން ޖާގަހޯދާފައެވެ.
މި މުބާރާތުގެ ފިރިހެން ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ 10 މެއި ވާ ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.





