ދިވަހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބަހުސް މުބާރާތުގެ މީޑިއާ ޕާޓްނަރ ނުކުތާ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމް.އެން.ޔޫ ސެންޓްރަލްގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މި ޖަމިއްޔާގެ ނައިބު ރައީސް އިލްމީ މުހައްމަދު ނާބިތު އަހްމަދުއެވެ. އަދި ނުކުތާގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާލިމް އަބުދުލް ލަތީފެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ އެއްމެ ބޮޑު އެއް އިލްމީ ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2013 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ ބަހުސްސެއް ވެސް ކުރިއަށްދާނީ އެމް.އެން.ޔޫ ސެންޓަރަލް އޮޑިޓޯރިއަމްގައި ކަމަށްވާއިރު، މުބާރާތުގައި ވަނީ ޖުމުލަ 09 ޓީމު ބައިވެރިވެފައެވެ.
މި އަހަރުގެ މުބާރާތް ކުރިއަށް ދިޔުމަށް ހަމަޖެހިފައިވަނީ މެއި މަހު 17 އިން 25ގެ ނިޔަލަށެވެ.





