މިހާރު ކުރިއަށްދާ ފޯރިގަދަ އެމް.އެން.ޔޫ.އެސް.ޔޫ 11 ވަނަ ބަހުސް މުބާރާތުގެ ދެވަނަ ދުވަހު ކުރެވުނު ބަހުސްތަކުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އަށް މި މުބާރާތުގެ ފުރަތަމަ މޮޅު ލިބުނުއިރު، ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އަށް އިތުރު މޮޅެއް ލިބއްޖެއެވެ.
މެއި 18 ވަނަ ދުވަހު ހަވީރު ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ފުރަތަމަ ބަހުސްގައި ބައްދަލުކުރީ އައި.ޔޫ.އެމް އަދި ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފް.އެޗް.އެސް)އެވެ. މި ބަހުސްގެ މައުޟޫއަކީ ”މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް މަދުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ސަރުކާރަށެވެ.“ 641 ޕޮއިންޓުން ބަހުސްގެ މައުޟޫއާއި ދެކޮޅަށް ވަކާލާތުކޮށް އައި.ޔޫ.އެމްގެ ޓީމުން ކާމިޔާބުކުރިއިރު، އެފް.އެޗް.އެސްގެ ޓީމަށް ލިބިފައިވަނީ 621 ޕޮއިންޓެވެ. އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.އެސް ޓީމުގެ އައިޝަތު ސަދާ މުހައްމަދުއެވެ.
ދެވަނައަށް ކުރިއަށްދިޔަ ބަހުސްގައި، “ ދިވެހި އިޤްތިސާދު ހަރުދަނާކުރުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވުން ހުއްޓާލަންޖެހެއެވެ.“ މި މައުޟޫއަށް ބަހުސްކޮށްފައިވަނީ އެފް.އީގެ ޓީމާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް)ގެ ޓީމެވެ. މި ބަހުސް ކުޑަ ފަރަގަކުން އެފް.އީ އިން ކާމިޔާބުކޮށްފައިވާއިރު، ނަތީޖާއަކީ 669 – 665 ޕޮއިންޓެވެ. މި ބަހުސްގެ އެން،މެ މޮޅު ބަހުސްކުރުންތެރިޔަކަސް ހޮވިފައިވަނީ މައުޟޫއާ އެއްކޮޅަށް ބަހުސްކުރި އެފް.އީ ޓީމުގެ ޢާއިޝަތު މައީޝާ ހާތިމް އެވެ.
މިރޭގެ ފަހު ބަހުސްގައި ބައްދަލުކުރީ އެސް.އެމްގެ ޓީމާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީ.އެފް.އެސް)ގެ ޓީމެވެ. “ ބިން ހިއްކުމައި ނުލައިވެސް ރާއްޖެއަށް ތަރައްގީ ގެނެވިދާނެއެވެ.“ މިމައުޟޫއާއި ދެކޮޅަށް ބަހުސްކޮށް 802 ޕޮއިންޓާއެކު ބަހުސް ކާމިޔާބުކުރީ އެސް.އެމްގެ ޓީމުންނެވެ. ސީ.އެފް.އެސްގެ ޓީމަށް ލިބިފައިވަނީ 598 ޕޮއިންޓެވެ. މި ބަހުސްގެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެމްގެ އަނޫފް އަބްދުﷲ އެވެ.
މި މުބާރާތުގެ އިތުރު ބަހުސްތަކެއް މާދަމާ 19 މެއި ވާ އާދިއްތަ ދުވަހުގެ ރޭ ކުރިއަށްދާނެއެވެ. މާދަމާގެ ފުރަތަމަ ބަހުސްގައި ފެނިގެންދާނީ ފާއިތުވި އަހަރުގެ ބަހުސް މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެ ޓީމުގެ ބަހުސްއެކެވެ. އެއީ ސްކޫލް އޮފް މެޑިސިންގގެ ޓީމާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޓީމެވެ. މީގެއިތުރުން އެފް.އީ އާއި އެފް.އެޗް.ޓީ.އެސް އަދި އެފް.އެޗް.އެސް. އާއި ސީ.އެފް.އެސް ބައްދަލުކުރާ ބަހުސް ވެސް ވަނީ ތާވަލުކުރެވިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ އެއްމެ ބޮޑު އެއް އިލްމީ ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2013 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ..





