ބައިނަލްއަގުވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި މެޑިކޯސްގެ ފަރާތުން ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މައިންބަފައިންނަށް އަމާޒުކޮށްގެން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މެއިމަހުގެ 22 ވަނަ ދުވަހުގެރޭ މަންހަޓަން ބެންކުއެޓް ހޯލުގައި ބޭއްވުނު މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން، ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، ކުރީގެ ބައެއް މެމްބަރުންގެ އިތުރުން ސްކޫލް އޮފް މެޑިސިންގެ ބައެއް ލެކްޗަރާއިން ބައިވެރިވެފައިވެއެވެ.
މި ހަފްލާ ތަޢާރަފްކުރުމުގެ ގޮތުން، މެޑިކޯސްގެ ރައީސް މުޙައްމަދު ޢަޔާޝް ޢަލީވަނީ ހަފުލާގެ ބައިވެރިންނާ މުޚާތަބުކޮށް މަރުހަބާ ދަންނަވާފައެވެ. އެއަށްފަހު ދަރިވަރުންގެ ޔޫނިއަންގެ 4 އަދި 5 ވަނަ ދައުރުގެ ރައީސް އަލީ ރަޝީދު ވަނީ ހަފުލާގެ ބައިވެރިންނާ މުޚާތަބުކޮށް މައިންބަފައިންގެ މުހިންމުކަމާ ބެހޭގޮތުން ދަރިވަރުންނާ ވަނީ މުހާތަބުކުރަށްވާފައެވެ.
މީގެ އިތުރުން ހަފްލާއަށް ޚާއްސަކޮށްގެން ދަރިވަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްވެސް މިހަފްލާގައި ވަނީ ދައްކާލެވިގެން ގޮސްފައެވެ. ހަމައެހެންމެ ސްކޫލް އޮފް މެޑިސިންގެ ލެކްޗަރަރ ޑޮކްޓަރ ޒޭބާ ވެސް ވަނީ ދަރިވަރުންނާ މުޚާތަބުކޮށް، ނަސޭހަތް ދެއްވާފައެވެ. ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބައިވެރިންގެ ޝަރަފުގައި ސައިފޮދެއްވެސް ވަނީ ތައްޔާރުކުރެވިފައެވެ.
މިހަފްލާއަކީ ދަރިވަރުންނާއި ބެލެނިވެރިން އެކީ އެއް މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަފްލާއެކެވެ. މިހަފްލާގައި ދަރިވަރުން އަދި ބެލެނިވެރިންނަށް ވެސް ވަނީ ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައެވެ. މިއީ މިފަދަ ހަފްލާއެއް މެޑިކޯސްއިން ބޭއްވި ފުރަތަމަ ފަހަރެވެ.





