ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ލ. ގަމު ކެމްޕަހުގައި ގާއިމު ކުރެވިފައިވާ ގޮފި އަހުރަ އާއި ގުޅިގެން ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ – އަހުރަ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އަމީގޯސް ފަސޭހަ މޮޅެއް ހޯދައިފިއެވެ. 31 އޮގަސްޓް ވީ ހޮނިހިރު ދުވަހު ހަވީރު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަންހެން ޑިވިޝަނުގެ އަމީގޯސް އަދި ގޯޅި ސްޕޯޓްސް ކުލަބެވެ. މަތިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެވިގެން ދިޔަ މި މެޗް 10-04 ގެ ނަތީޖާ އަކުން އަމީގޯސް ކާމިޔާބުކޮށްފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވަނީ އަމީގޯސް ޓިމުގެ ޖާޒީ ނަމްބަރ 10 އައިޝަތު ލިވާ އިބްރާހިމް އެވެ. އަމީގޯސް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އައިޝަތު ލިވާ އިބްރާހިމް ވަނީ 6 ލަނޑު ޖަހާފައެވެ. މީގެއިތުރުން އެ ޓީމުގެ މާޝާ މުހައްމަދު ދެ ލަނޑު ޖަހާފައިވާއިރު، އާއިޝަތު ސަނާ އާއި މަރިޔަމް ލައިޝާ އިނާޒް ވަނީ ލަނޑު ޖަހާފައެވެ. ގޯޅި ސްޕޯޓްސް ކުލަބުގެ 4 ގޯލުގެ ތެރެއިން ދެ ލަނޑު ހައްވާ ޝަމްވީލާ ކާމިޔާބުކޮށްދީފައިވާއިރު، އަނެއް ދެ ލަނޑު ޖެހީ ހައްވާ ޒާހިރާ އާއި މަރިޔަމް އާފިޔާ އެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ގުރޫޕް އޭ ގެ އިތުރު މެޗެއް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ބައްދަލު ކުރާނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ގަމު ރީޖަނަލް ހޮސްޕިޓަލެވެ. އަދި ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗު ވެސް މިރޭ ކުޅެވިގެން ދާނެއެވެ.
މިއަހަރު ބޭއްވިގެން މިދަނީ ޔޫނިއަންގެ 4 ވަނަ އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތެވެ. މިއީ ދަރިވަރުންގރ ޔޫނިއަނުން އަތޮޅު ތެރޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.






