ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ މާލޭގައި ގާއިމުކުރެވިފައިވާ ގޮފިތަކުގެ ހުސްވެފައިވާ މަޤާމުތަކަށް އަލަށް އިންތިހާބުވި މެމްބަރުންނަށް މަޤާމުހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މެންހަޓަން ހޮޓެލްގެ ބޮންކުއެޓް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ 09ވަނަ ދައުރުގެ ރައީސް އަބުދުﷲ ޝަހުނީޒްއެވެ. އަދި މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ ކުރީގެ މެމްބަރ އިބްރާހިމް ޤާނިމް ޝާހިދާއި، މިހާރުގެ ކައުންސިލް މެމްބަރ ސުއައިދު ޔޫނުސްގެ އިތުރުން ޔޫނިއަންގެ ހިންގާ ކޮމެޓީގެ މެމްބަރުންވަނީ ބައިވެރިވފައެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޝަހުނީޒްވަނީ، ހަވާލުކުރެވުނު ޒިންމާތައް ފުރުހިމައަށް އަދާކުރުމަށާއި، އަދި ހުރިހާ މެމްބަރުންވެސް ގުޅިގެން މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި މާލޭގައި ގާއިމުކުރެވިފައިވާ 10 ގޮފީގެ ތެރެއިން 8 ގޮތްޕެއްގެ ހިންގާ ކޮމެޓީގެ ހުސްވެފައިވާ މަޤާމުތަކަށް އިންތިހާބުވި މެމްބަރުންނަށް މަޤާމު ހަވާލުކުރެވިފައެވެ.
ގޮފިތަކުގެ ހިންގާ ކޮމެޓީ މެމްބަރުންނަކީ ފެކަލްޓީ ލެވެލްގައި ދަރިވަރުންނާއި ގުޅޭ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްރޯލެއް އަދާކުރާ ފަރާތްތަކެވެ. އަދި ޔޫނިއަންގެ ހަރަކާތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމުގައިވެސް ގޮފިތަކުގެ ހިންގާ ކޮމެޓީގެ މެމްބަރުން އިސްރޯލެއް އަދާކުރެއެވެ.






