މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުނު ޞިއްޙީ ދުޅަހެޔޮކަން ދެނެގަތުމުގެ ޚާއްޞަ ޕްރޮގްރާމެއްގައި މެޑިކޯސްގެ ދަރުމަވެރިން ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ މެއި މަހުގެ 13 ވަނަ ދުވަހު، އިސްލާމިކް މިނިސްޓްރީގެ މައި މާލަމުގައި، ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.
މި ޞިއްޙީ ދުޅަހެޔޮކަން ދެނެގަތުމުގެ ޕްރޮގްރާމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކޮންސޯޓިއަމް އޮފް މެޑިކަލް ސްޓޫޑަންޓްސް(މެޑިކޯސް) ގެ ފަރާތުން 6 ބައިވެރިން ޙަރަކާތްތެރިވިއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމުގައި ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު ބެލުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ފުރުޞަތު ދެނެގަތުން ފަދަ ޞިއްޙީ ދުޅަހެޔޮކަން ދެނެގަތުމުގެ މުހިންމު ޚިދުމަތްތައް ފޯރުކޮށްދެވުނެވެ. މީގެ އިތުރުން، ބައިވެރިންނަށް އެމީހުންގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމަށް ބޭނުންވާ ލަފާ ދެވުނެވެ.
މި މަސައްކަތަކީ މުޖުތަމަޢުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން މުޖުތަމަޢުގެ ޞިއްޙީ ހޭލުންތެރިކަން އިތުރުވެ، ބަލިތައް ކުރިމަތިވުމުގެ ކުރިން ދެނެގަތުމަށް މަގުފަހިވެގެންދެއެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތަކަކީ ޤައުމީ ޔުނިވަރސިޓީއާއި ދަރިވަރުންގެ ޔޫނިއަންގެ އަގު އުފުލި، މުޖުތަމަޢުގައި އެފަރާތްތަކުގެ ދައުރު ފާހަގަކުރެވޭ ވަސީލަތެއްވެސް މެއެވެ.





