ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ކަމުގައިވާ، ގުރުޒުން އިންތިޒާމް ކޮށްގެން އެމްއެންޔޫ ކުޅުދުއްފުށީ ކެންޕަހަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފްރެޝާސް ނައިޓެއް ބާއްވައިފިއެވެ.
ކަރާ ތީމަށް 6 ސެޕްޓެމްބަރ ވީ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދެވުނު މި ހަރާކާތުގައި ތަފާތު އެކި އެކި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތްތަކުގައި ގިނަ ދަރިވަރުންތަކެއް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އެގޮތުން ކުދިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ ”ޓޫ ޓްރުތްސް ވަން ލައި“ ކިޔާ ހަރަކާތަށެވެ. މިހަރަކާތްތަށް ވެގެން ދިޔައީ ކެމްޕަހާ އަލަށް ގުޅުނު ދަރިވަރުން އެކަކު އަނެކަކަށް ދަސްވެ، ގާތް ގުޅުމެއް އުފެދުމަށް މަގުފަހިވެގެން ދިޔަ ހަރަކާތްތަކަށެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ފްރެޝާސް ނައިޓްގައި ނިމިދިޔަ އަޟްޙާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ފޮޓޯ ޗެލެންޖްގެ ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ހަވާލުކުރުންވެސް ކުރިއަށް ގެންދިޔައެވެ.
ކޮންމެ އަހަރަކުވެސް ގުރުޒުން އިންތިޒާމުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދެޔެވެ. އަދި މިހަރަކާތްތަށް ވެގެންދަނީ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުން އިތުރަށް އެއްބައިވަންތަ ކުރުވާ ހަރަކާތްތަކަކަށެވެ. މިއަހަރުގެ މިސެމެސްޓަރގައި ވެސް ކުރިޔަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.






