ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގޮތްޕެއް ކަމަށްވާ މެޑިކޯސް އަދި ލޭ އެޕް ގުޅިގެން ކޮންމެ އަހަރަކު ހިންގާ ރަމަޟާން ބްލަޑް ޑްރައިވް މި އަހަރު ވެސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ލޭ އެޕް، ރިޕަބްލިކް އޮފް ޑޮނާސް، އެހީ އަދި އިތުރު އެހެން ޖަމިއްޔާތަކުގެ ބައިވެރިވުމާ އެކުގައިއެވެ.
މި އަހަރުގެ ބްލަޑް ޑްރައިވް ހިންގާފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސްގައި ، 12 މާރިޗު ވީ ބުރާސްފަތި ދުވަހުގެ 20:30ން ފެށިގެން 00:00އާ ހަމައަށެވެ. މި އަހަރުގެ ކޭމްޕުގައި ޖުމްލަ 18 ފަރާތަކުން ވަނީ ލޭ ހަދިޔާ ކުރުމަށް ބައިވެރި ވެފައެވެ.
ކުރީ އަހަރު ތަކާއި ޚިލާފަށް މި އަހަރުގައި ބްލަޑް ޑްރައިވް ކުރިއަށް ގެންދިޔައީ ތަފާތު ގޮތަކަށެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުގެ އިތުރުން އީ.އޭ.އެފް.ސީ 2026 ގެ މުބާރާތެއް ވެސް ކުރިއަށް ގެންދިޔައެވެ. މި މުބާރާތް ކުރިއަށް ގޮސްފައިވަނީ މޮޅުވާ ފަރާތަކަށް 1000ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ލިބޭ ގޮތަށެވެ. ލޭ ހަދިޔާ ކުރުމަށް 18 ފަރާތަކުން ބައިވެރި ވެފައިވާއިރު، އީ.އޭ.އެފް.ސީ 2026 މުބާރާތުގައި 12 ފަރާތަކުން ވަނީ ބައިވެރިވެފައިއެވެ.
މި ބްލަޑް ޑްރައިވްގެ މަގުސަދަކީ ލޭ ހަދިޔާ ކުރުމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދުމަށް ދިމާވާ ދަތިތަކަށް ލުއިކަމެއް ހޯދައިދިނުމެވެ. މި އުންމީދުގައި މެޑިކޯސްގެ ބްލަޑް ޑްރައިވް ސިލްސިލާގޮތެއްގައި ކުރިއަށްގެންދާތާ މިއީ 5 ވަނަ އަހަރެވެ.
މެޑިކޯސްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މި ހަރަކާތް މެދުކެނޑުމެއްނެތި ކުރިއަށް ގެންގެންދިއުމެވެ. އަދި ލޭ ލިބުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލޭ ހަދިޔާ ކުރުމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ލޭ ހަދިޔާ ކުރާ ފަރާތްތައް އިތުރު ކުރުމެވެ.





