ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ކޮންމެ އަހަރެއްގެ ރޯދަމަހު ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ – ސިއާ މަދަހަ މުބާރާތް އަދި އެމް.އެން.ޔޫ.އެސް.ޔޫ – އެސް.އެސް.އެލް ޤުރުއާން މުބާރާތުގެ އެސްކްލޫސިވް ސްޕޮންސަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ހަމަޖައްސައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަދަހަ އަދި ޤުރުއާން މުބާރާތް މި ހިނގާ މާރިޗުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާރިޗު 13 އިން 15 އަށް ޤުރުއާން މުބާރާތް އަދި 17 އިން 19 އަށް މަދަހަ މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދަރިވަރުންގެ ޔޫނިއަންގެ ގޮފި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އިން ޤުރުއާން މުބާރާތް ހިންގުމުގެ މަސައްކަތްކުރަމުން އަންނައިރު، ފެކަލްޓީ އޮފް އާޓްސްގެ ގޮފި ސްޓޫޑަންޓްސް އިނީޝިއޭޓިވް އޮފް އާޓްސް (ސިއާ) އިން އަންނަނީ މަދަހަ މުބާރާތުގެ ތައްޔާރީތައް ވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިމިދިޔަ 2024 ވަނަ އަހަރުވެސް ދަރިވަރުންގެ ޔޫނިއަންގެ ޤުރުއާން މުބާރާތް ސްޕޮންސަރކޮށްފައެވެ. އަދި މި ދާއިރާތަކަށް ދަރިވަރުން ނެރުމަށް އެ ވުޒާރާއިން އަންނަނީ ޔޫނިއަންއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.






