ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ތިނަދޫ ކެމްޕަސްގެ ގޮފި ނޭކައިން ދުނިޔޭގެ ސާފުކުރުމުގެ ދުވަސް ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭކައިން ވަނީ ތިނަދޫ “ފަސްގަނޑު ބީޗުގައި” ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް 19 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހުގެ ހެނދުނު ކުރިއަށް ގެންގޮސަފައެވެ. މި ހަރަކާތުގައި ނޭކައިގެ އިސްވާރުންނާއި ތިނަދޫ ކެމްޕަސްގެ މުވައްޒަފުން އަދި ސްކައުޓްގެ އިސްވާރުން ހިމެނޭހެން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަސް އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން ދާއިރު ނޭކައިން މި މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަގްސަދަކީ ތިނަދޫ ސިޓީއަކީ އަދި އެންމެން އުޅޭ ވެށްޓަކީ ސާފުތާހިރު ތަނަކަށް ހެދުމުގެ ނަމޫނާ ދެއްކުމެވެ. އަދި ވެށި ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއްކަމާއި އެކަމުގެ މުހިންމުކަން އަމަލީކޮށް ދައްކައި އެ މެސެޖު އިސްވާރުންނާއި މުތަމައަށް ފޯރުކޮށްދިނުމެވެ.






