ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) ގެ ގޮފި ކަމަށްވާ ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (ޝެޓްސް) ގެ ދަރިވަރުންގެ ”ފަން ޓްރިޕް“ މިފަހަރު ތޮއްޑޫއަށް ދަތުރުކޮށްފިއެވެ.
”ފަން ޓްރިޕް“ އަކީ ކޮންމެ އަހަރުވެސް ޝެޓްސްގެ ހިންގާކޮމެޓީއާއި ދަރިވަރުން ހިމެނޭގޮތަށް ރާއްޖޭގެ ރަށަކަށް ކުރާ ދަތުރެކެވެ. ކޮވިޑްގެ ދަތި ހާލަތާއި ގުޅިގެން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ ދަތުރު ކުރީ 15 ދަރިވަރުންނާއި އެކު 4 ނޮވެންބަރުގައިއެވެ.
މި ދަތުރުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އއ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާ މިންވަރު ބަލާ، ފަތުރުވެރިކަމާ ބެހޭގޮތުން އައު މައުލޫމާތުތަކެއް ދަރިވަރުންނަށް ލިބި ދަރިވަރުންގެ މައުލޫމާތު މުއްސަނދި ކުރުމެވެ. އެގޮތުން ދަރިވަރުން ވަނީ ތޮއްޑޫގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތް ހިންގަމުންދާގޮތް ބަލާ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ.
މިފަދަ ދަތުރެއްގެ ސަބަބުން އިމްތިހާނުގެ ކުރިން ދަރިވަރުން ބޯހަމަޖައްސާލާ މަޖާ މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭނެ ކަމަށް ޝެޓްސް އިން ގަބޫލުކުރަމެވެ. ދަތުރުގެ ބައިވެރިން ވަނީ ތޮއްޑޫގެ ”ޓުއާރ“ އަކަށް ގޮސްފައެވެ. އެގޮތުން ތޮއްޑޫގެ ދަނޑުތަކަށާއި ވާވު މަގަށް ޒިޔާރަތް ކޮށްފައެވެ. ”ފަން ޓްރިޕް“ގެ އެންމެ ފަހު ދުވަހުގައި ދަތުރުގެ ބައިވެރިން ވަނީ ތޮއްޑޫގެ ހިތްގައިމު ”ގެސްޓް ބީޗް“އަށް ދަތުރުގޮސްފައެވެ.
ޝެޓްސްގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ދަތުރުތައް ކުރިއަށް ގެންދިޔުމެވެ. އަގުހިރި މައުލޫމާތުތައް ލިބިގެން ދިޔަ މިދަތުރަކީ ކަމިޔާބު ދަތުރެއްކަމުގައި ޝެޓްސްގެ ރައީސް ޖައިޝް އަލީ ވަހީދު ވިދާޅުވިއެވެ.





