ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީއޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް)ގެ މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް އިވެންޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް 2021 އެފް.އެޗް.ޓީ.އެސްގެ ބެޗްލާރ އޮފް އިންޓަރނޭޝަނަލް ޓުއަރިޒަމް މެނޭޖްމެންޓް އެންޑް ބެޗްލާރސް އޮފް އިންޓަރނޭޝަނަލް ޓުއަރިޒަމް މެޏޭޖްމެންޓް ފަހު އަހަރު ފުރިހަމަ ކުރަމުން ގެންދާ ދަރިވަރުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ އިވެންޓެކެވެ. މި އިވެންޓަކީ މި ދަރިވަރުން ކިޔަވަމުން ގެންދާ ކޯހުގެ އެންމެ ފަހު އެސައިމަންޓުގައި ފުރިހަމަ ކުރަންޖެހޭބައިތަކެއް އެކުލެވޭ ހަރަކާތެކެވެ.
މި އިވެންޓް ބާއްވައިފައިވަނީ 20 ނޮވެމްބަރުގައި މީރުމާ ހޮޓަލްގެ މޫނިމާ މާލަމުގައެވެ. ކޮކްޓެއިލް ރިސެޕްޝަނަކާއި އެކު ބޭއްވުނު މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހަވީރު 4 އަކުން 6ކަށްށެވެ. ”މޯލްޑިވްސް ޓުއަރިޒަމް ރީބޫޓް2021 “ ގެ މި ހަފްލާގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުއްﷲ މައުސޫމް އަދި މިނިސްޓަރ އޮފް އާރޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ދުންޔާ މައުމޫން އަދި ދިވެހިރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ ބާނީ، މިހާރުގެ ހެލްތް މިނިސްޓަރ އަހްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުއްﷲ މައުސޫމްގެ ވާހަކަފުޅުގައި ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލައިފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ކޮވިޑްގެ އާލަމީ ވަބާގައި ފަތުރުވެރިކަމުގެ ދާއިރާގައި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބޭހޭގޮތުން ހިޔާލު ފާޅުކުރުމުގެ މަންސަހެއް ހުޅުވާލުމެވެ.
މި ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލެވުނީ ދަރިވަރުންނާއި ލެކްޗަރާއިންގެ ބުރަ މަސައްކަތުންނެވެ. އެގޮތުން މި ހަރަކާތުގެ މެނޭޖަރެއް ކަމައްވާ ޒުޙާ ވަނީ އެމް.އެން.ޔޫ.އެސް.ޔޫ އަށާއި ޝެޓްސްއަށް އަދި މި ހަރަކާތުގެ ހުރިހާބައިވެރިންނަށް ޝުކުރުއަދާކޮށްފައިއެވެ.





