ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ 10 ވަނަ ދައުރަކީ އުންމީދީ ދައުރަކަށްވާނެ ކަމަށް އެމް.އެން.ޔޫ.އެސް.ޔޫގެ 10 ވަނަ ދައުރުގެ ރައީސް ހުސައިން ޒައިދު ވިދާޅުވެއްޖެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ 10 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޒައިދު ވިދާޅުވީ، މި ދައުރަކީ ދަރިވަރުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ދައުރެއް ކަމަށެވެ.
މީގެ އިތުރުން ޒައިދު ވިދާޅުވީ، މި ދައުރު އެމް.އެން.ޔޫ.އެސް.ޔޫއިން ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ވާދަކުރުމަށް މަސައްކަތް ކުރަމުން އަންނާނެ ކަމަށާއި، އޭގެ އިތުރުން ރާއްޖެއިން ބޭރަށް ތަޖުރިބާގެ ދަތުރެއްގައި ދަރިވަރުން ފޮނުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޔޫނިއަނުން މިހާރު ހިންގަމުން އަންނަ ހަރަކާތްތަކުގެ އިތުރުން އިނގިރޭސި ބަހުން ބަހުސް މުބާރާތެއް ބޭއްވުމާއި، އެތުލެޓިކްސް އަދި ސްވިމިންގ މުބާރާތެއް މި ދައުރު ބޭއްވިގެންދާނެ ކަމަށާއި، އަދި އެމް.އެން.ޔޫ.އެސް.ޔޫއިން ބާއްވާ ބަހުސް މުބާރާތާއި، ގުރުއާން މުބާރާތްތައް ހައި ސްކޫލުތަކަށް ހުޅުވާލައިގެން ބާއްވާން ނިންމާފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ، ޔޫނިއަންގެ ކުރިއެރުންތަކުގެ ފަހަތުގައި ވަނީ ކުރީގެ ރައީސުންނާއި، ހިންގާ ކޮމެޓީތަކުގެ މެމްބަރުންގެ އިތުރުން ޔޫނިއަންގެ މެމްބަރުން ކަމަށެވެ.
ޒައިދު ވިދާޅުވީ ޔޫނިއަންއަށް 10 އަހަރު ފުރެންދާއިރު އެންމެ މުހިންމު ކަމެއް ކަމުގައި ދެކިލައްވަނީ 2023 ވަނަ އަހަރު ޖަމިއްޔާތަކަށްދޭ ގައުމީ އިނާމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ނަން ހުށަހެޅުން ކަމަށާއި، އެހެންކަމުން އެ އިނާމަށް ނަން ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މި ދައުރުން ކުރާނެ ކަމަށެވެ.
މީގެ އިތުރުން ޒައިދު ވަނީ އެމް.އެން.ޔޫ.އެސް.ޔޫއަށް އެމް.އެން.ޔޫގެ މެނޭޖުމަންޓުން ހާއްސަކޮށް ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވެދެއްވާ އެހީ ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.
2018 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫގެ ލީޑަރސް ގްރޫޕުން ފާހަގަވެގެން އައި ޒައިދު ޖެހިގެން އައި 2019 ވަނަ އަހަރު ވަނީ ޝެޓްސްގެ ނައިބު ރައީސް (އިތުރު ހަރަކާތް) މަގާމު ފުރުއްވާފައެވެ. އަދި 2020 ވަނަ އަހަރު ޔޫނިއަންގެ ޚަޒާންދާރުގެ މަގާމު އަދާކުރެއްވިއިރު 2021 ވަނަ އަހަރު ޒައިދު ވަނީ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) މަގާމު އަދާކުރައްވާފައެވެ.





