ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ހިންމަފުށީ ވޮލީބޯޅަ ޓީމާއި ކުޅުނު އެކުވެރިކަމުގެ މެޗު އެމް.އެން.ޔޫއިން ކާމިޔާބުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ޕީ.އީ ހޯލުގައި ކުރިޔަށްދިޔަ މި މެޗުގައި ހިންމަފުށީގެ މައްޗަށް އެމް.އެން.ޔޫއިން ކުރި ހޯދީ 3-2 ސެޓުންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 25-19 އިންނެވެ. އެކަމަކު ދެވަނަ ސެޓު ފަސޭހަކަމާއެކު ހިންމަފުށިން ވަނީ 25-12 އިން ކާމިޔާބުކޮށްފައެވެ.
ތިންވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 25-20 އިންނެވެ. އެކަމަކު ހަތަރުވަނަ ސެޓު ހިންމަފުށިން ވަނީ 25-21 އިން ގެންގޮސްފައެވެ.
މެޗުގެ ފަހު ސެޓު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ 15-10 އިންނެވެ.
އެމް.އެން.ޔޫ އަންހެން ވޮލީބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމަށް ފަރިތަކުރުންތައް ފަށާފައިވާއިރު، މި ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ކޯޗު ޞަފްވާން އަޙްމަދުގެ އިރުޝާދުގެ ދަށުންނެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބުރައީސް (އިތުރު ހަރަކާތް) ސުއައިދު ޔޫނުސް ވިދާޅުވީ މިވަގުތު ފަރިތަކުރުންތައް ފަށާފައިވަނީ ހަމައެކަނި މާލޭގައި ތިބި ދަރިވަރުންނަށް ކަމަށެވެ. އަދި ފެބުރުއަރީ 6 ގެ ފަހުން އިތުރަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.





