ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގެ މައްޗަށް 2 – 0ގެ ނަތީޖާއަކުން ކުރިހޯދައި، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ހުކުރުދުވަހުގެރޭ 08:00ގައި ފެށި މި މެޗުގެ ދެ ގޯލުވެސް ޖަހާފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 11 ފިރުޝާނާ ނަސީރެވެ. ފިރުޝާނާގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 8 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނެޓުގައެވެ.
މި ނަތީޖާއާއެކު، އެމް.އެން.ޔޫ.ބީ.އެސް ވެގެން މި ދިޔައީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ހޯދި އެމް.އެން.ޔޫގެ ފުރަތަމަ ޓީމަށެވެ. މި މުބާރާތުގެ 2019 ވަނަ އަހަރުގެ އަންހެން ޑިވިޝަނުގެ ޗެންޕިއަނަކީ އެމް.އައި ކޮލެޖުކަމަށްވާއިރު، އެންމެ ފުރަތަމަ އަންހެން ޑިވިޝަން ތައާރަފުކުރި 2018 ވަނަ އަހަރު ތަށި އުފުލާލީ ކްލިކް ކޮލެޖުންނެވެ.


ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.





