ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެޕްސް ކޮލެޖުގެ ޖަރޒީ ނަންބަރު 23 އާދަމް މަންސޫރު ހޮވިއްޖެއެވެ.
ހުކުރުދުވަހުގެރޭ އޮތް ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ 18 ޓީމެއް ވަނީ ބައިވެރިވެފައެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ މަންސޫރެވެ.
މުޅި މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓެއް ކޮށްގެން، ބެސްޓް ސަޕޯޓިންގ ޓީމަކަށް ހޮވިފައިވަނީ ސްކޫލް އޮފް މެޑިސިން އެވެ. މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އައި ކޮލެޖުގެ ޖަރޒީ ނަންބަރު 4 އަހުސަމް ހަސަން ދީދީއެވެ. މި ޑިވިޝަނުގެ ފެއަރޕްލޭ ޓީމަކީ ކްލިކް ކޮލެޖު ކަމަށްވާއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 7 އަހްމަދު އިހާން އިނާޒެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ކޯޗު އިސްމާއީލް އާސިފެވެ. އަދި މި ޑިވިޝަނުގައި އެންމެ ގިނަ ގޯލު ޖަހައިގެން ޓޮޕް ސްކޯރަރ ހާސިލުކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 11 މުހައްމަދު އިނާނެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 4 މުހައްމަދު ނާބިތު ހުސައިން، މެޕްސް ކޮލެޖުގެ ޖަރޒީ ނަންބަރު 7 އަލީ ޝާޒު ހިލްމީ އާއި ޖަރޒީ ނަންބަރު 13 އަހްމަދު އިބްތިސާމް މައުސޫމް އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 8 އަހްމަދު ރިޔުޝާން އާއި ޖަރޒީ ނަންބަރު 11 މުހައްމަދު އަނާނެވެ.


ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.





