ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވައިފިއެވެ.
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮތީ ޑިސެންބަރު 22 ވީ ބުރާސްފަތި ދުވަހުގެރޭ ކިންގް ސަލްމާން މިސްކިތުގައެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ ތާރީޚާ ގުޅޭ ވީޑިއޯ ރިޕޯޓެއް ވަނީ އަޅުވާފައެވެ. އަދި މީގެ އިތުރުން މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާ ފަރާތްތަކާގުޅޭ ރިޕޯޓެއްވެސް ވަނީ އަޅުވާފައެވެ. މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އަލްޤާރީ މޫސާ އަޙުމަދު، އަލްޤާރީ ޙުސައިން ރުޝްދީ، އަލްހާފިޡު އަލްޤާރީ އިބްރާހީމް ޢަލީ، އަލްޤާރީ ޢަބްދުﷲ މާޖިދު، އަލްހާފިޡާ ލަޠީފާ އަޙުމަދު އަދި އަލްހާފިޡާ ނާޝިދާ މުޙައްމަދެވެ.


ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ނައިބު ރައީސް ވަނީ މިއަހަރުގެ މުބާރާތް ބޭއްވިގެންދަނީ ވަރަށް ހިތްގައިމު މާހައުލެއްގައިކަން ފާހަގަކުރައްވާފައެވެ. އަދި މިސްކިތުގެ ބޭރާއި ބަލާއިރު، އެތެރެ ވަރަށް ބޮޑަށް ޒީނަތްތެރިކަން ފާހަގަކުރައްވާ، މިއީ ކޮންމެ އިންސާނަކުވެސް ކަންކަން ބަހައްޓަންވީ ގޮތުގެ މިސާލެއްކަން ނައިބުރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ، މި އަހަރުގެ މުބާރާތާ ގުޅުވައިގެން ތަފާތު ހަރަކާތްތަކާއި ތަފާތު ސްޓޯލްތައް ބަހައްޓައިގެން ހިންގޭ ހަރަކާތްތަކަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރްއާނަށް އޮތް ލޯބި އިތުރުވެގެންދާނެކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
”މިއަދު ޤުރްއާން ކިޔެވުމާއެކު ޤުރްއާނުން އަންގައިދޭ އެއްޗެއް އަޅުގަނޑުމެންނަށް އެނގުމަކީ މުހިއްމުކަމެއް. އަދި އެގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަންކުރުން ވަރަށް މުހިއްމު“
– ނައިބު ރައީސް ފައިސަލް ނަސީމް
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ޝައިޚް އިލްޔާސް ޖަމާލްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ޤައުމަކުން، ދައުލަތަކުން، އަދި ރައްޔިތުން ފަޚުރުވެރިވެ އުފާކުރަންވީ ހައްގު ފަޚުރަކީ ކީރިތި ޤުރްއާނަށް ޚިދުމަތްކުރުން ކަމުގައި ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކިންގް ސަލްމާން މިސްކިތަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ބަދަލުކުރެއްވުމަކީ އެ މަރުކަޒުގެ ޕްރޮގްރާމްތައް ހިންގުމަށް ލިބުނު ބޮޑު ފަސޭހައެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ އިތުރަށް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޤައުމީ މުބާރާތް ކުރިއަށް ދާނީ 2022 ޑިސެންބަރު 23 ން 2023 ޖަނަވަރީ 01 އަށެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ އަދި އިވެންޓް މެނޭޖިންގ ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.






