ޖުމްލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއެކު ބޭއްވި ބޮޑު ލީޑަރސް ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފެބުރުވަރީ 18ވީ ހުކުރުދުވަހުގެރޭ ބޭއްވި ލީޑަރސް ނައިޓް ކުރިއަށްދިޔައީ އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ ޕީއީ ހޯލުގައެވެ. މިއީ 2023 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ލީޑަރސް ނައިޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ލީޑަރސް ނައިޓަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވި ލީޑަރސް ނައިޓެވެ.


ލީޑަރސް ނައިޓްގެ ތެރެއިން ޔޫނިއަންގެ ލީޑަރސް ގްރޫޕަށް އަލަށް ގުޅުނު ދަރިވަރުންނަށް ވަނީ އެމް.އެން.ޔޫ އަދި އެމް.އެން.ޔޫ.އެސް.ޔޫއާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ދީފައެވެ. އަދި މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތަކާއި ބައިވެރިވި ދަރިވަރުންގެ މެދުގައި ލަކީޑްރޯއެއް ނެގުންވެސް ކުރިއަށްދިޔައެވެ. މި ހަރަކާތުގައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ އިތުރުން ހިންގާ ކޮމިޓީގެ ކުރީގެ ބައެއް މެންބަރުންނާއި އެޑްވައިޒަރީ ބޯޑު މެންބަރުންގެ އިތުރުން މިހާރު ލީޑަރސް ގްރޫޕްގައި އުޅޭ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފްވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެލައްވާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫއިން ސިލްސިލާގޮތެއްގައި ބާއްވަމުން ގެންދާ ލީޑަރސް ނައިޓަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގަމުން ގެންދާ ހަރަކާތްތައް އައު ލީޑަރުންނަށް ކިޔައިދިނުމަށާއި، އެމް.އެން.ޔޫ.އެސް.ޔޫގެ މެމްބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ ހަރަކާތެކެވެ.






