ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން ހދ. ކުޅުދުއްފުށްޓަށް ޒިޔާރަތްކުރި ޓީމުގެ ބައިވެރިންނާއެކު ކުޅުދުއްފުށި ކެމްޕަސްގެ ”ފްރެޝާސް ނައިޓް“ ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ ފެބުރުވަރީ 25 ވީ ހުކުރުދުވަހުގެރޭ ކުޅުދުއްފުށި ކެމްޕަހުގައެވެ.
މި ހަރަކާތުގައި ކުޅުދުއްފުށި ކެމްޕަހުން އަލަށް ކިޔަވަން ފެށި 40ށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އަދި މި ހަރަކާތުގެ ތެރެއިން ޔޫނިއަންގެ ފަރާތުން ކުޅުދުއްފުށި ކެމްޕަހުގެ ދަރިވަރުންނަށް ހަދިޔާކުރި ވޮލީބޯޅަތަކާއި ރޯލް ޓޭޕް އެ ކެމްޕަސްގެ ޔޫނިއަންގެ ގޮފި ގުރުޒު އާ ހަވާލުކުރުން ކުރިއަށް ގޮސްފައިވެއެވެ.


މި ހަރަކާތުގައި ދަރިވަރުންނަށް ޔޫނިއަންގެ މައުލޫމާތު ދީފައިވާއިރު، ހަރަކާތުގެ ތެރެއިން ޓީމް ބިލްޑިންގ ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުޅުދުއްފުށްޓަށް ޒިޔާރަތްކުރި ޓީމުން ވަނީ ކުޅުދުއްފުށި ކެމްޕަސްގެ ދަނާލުގައި އުޅޭ ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންގެ ކަންބޮޑުވުންތައް ވެސް އޮޅުން ފިލުވާފައެވެ.


ހދ. ކުޅުދުއްފުށްޓަށް ޒިޔާރަތްކުރި ޓީމުގައި ހިމެނެނީ ޔޫނިއަންގެ ނައިބު ރައީސް (އިތުރު ހަރަކާތް) މާޒިން މުހައްމަދު، ނައިބު ރައީސް (ޢިލްމީ) ނަޖީލާ މޫސާ ނަޢީމް، މީޑިއާ ކޯޑިނޭޓަރ އާމިނަތު ޔާސްމީން މުޙައްމަދު އަދި ކުރީގެ ނައިބު ރައީސް (އިތުރު ހަރަކާތް) ސުޢަައިދު ޔޫނުސެވެ.
އަތޮޅުތެރޭ ކެމްޕަސްތަކަށް އަހަރަކު އެއްފަހަރު ކުރެވޭ ކެމްޕަސް ދަތުރުތަކަކީ ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިޔަށް ގެންދާ ދަތުރުތަކެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނުކަމުގައިވިޔަސް 2021 ވަނަ އަހަރުން ފެށިގެން މި ދަތުރުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.





