ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ބަހުސް މުބާރާތުގައި އެމް.އެމް.އޭ ސޯޝަލް ކްލަބު އަތުން އެމް.އެން.ޔޫ.އެސް.ޔޫ މޮޅުވެއްޖެއެވެ.
ހޮނިހިރުދުވަހުގެރޭ ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރި މި ބަހުސް އަކީ މުބާރާތުގައި ޔޫނިއަންގެ ފުރަތަމަ ބަހުސް އެވެ. މި ބަހުސްގެ މައުޟޫއަކަށް އޮތީ ”ދިވެހި އިޤްތިޞާދަށް ބޮޑަށް ފައިދާކުރާނީ ބޭރުގެ ބޮޑެތި ކުންފުނިތައް ގެނެސްގެންނެވެ. / ދިވެހި ވުނޭރުންނަށް ފުރުޞަތު ފަހިކޮށްދީގެންނެވެ.“ ކަމަށްވާއިރު އެމް.އެން.ޔޫ.އެސް.ޔޫ އިން ބަހުސްކުރީ ”ދިވެހި އިޤްތިޞާދަށް ބޮޑަށް ފައިދާކުރާނީ ބޭރުގެ ބޮޑެތި ކުންފުނިތައް ގެނެސްގެން“ ކަމަށް ވަކާލާތުކުރަމުންނެވެ. މި ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުގައި ހިމެނުނީ އިސްމާޢީލް ރަޒީން ޢިމްރާން، އާމިނަތު އީނާސް އަދި މުޙައްމަދު އައިޝް އެވެ. އެމް.އެން.ޔޫ ޓީމުގެ ކޯޗަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަލް އުސްތާޛް ޢަލީ ރަޝީދެވެ.


މި ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫ އަށް 1036.5 ޕޮއިންޓް ލިބުނުއިރު، އެމް.އެމް.އޭ ސޯޝަލް ކްލަބަށް ލިބުނީ 942.5 ޕޮއިންޓެވެ. ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ ޓީމުގެ އިސްމާޢީލް ރަޒީން ޢިމްރާނެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ބަހުސެއް ދެން އޮންނާނީ އަންނަ ހޯމަދުވަހުގެރެޔެވެ. މި ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.
މި މުބާރާތަކީ އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ހިމެނޭ އޮފީސް/ކްލަބް/ޖަމިއްޔާ/ޖަމާއަތްތަކުގެ ބަހުސް ކެޓަގަރީއެވެ. މި ބަހުސް މުބާރާތުގައި ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވާއިރު، 2 ގްރޫޕަކަށް ވަނީ ޓީމުތައް ބަހާލާފައެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.






