ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން ގދ. ތިނަދޫއަށް ޒިޔާރަތްކުރި ޓީމާއެކު ތިނަދޫ ކެމްޕަސްގެ ”ފްރެޝާސް ނައިޓް“ ބާއްވައިފިއެވެ.
ފެބުރުވަރީ 25 ވީ ހޮނިހިރުދުވަހުގެރޭ ތިނަދޫ ކެމްޕަހުގައި ބޭއްވި މި ހަރަކާތުގައި ތިނަދޫ ކެމްޕަސް މެނޭޖަރ މުޙައްމަދު ޝަމީމް އާދަމް ވަނީ ބައިވެރިވެލައްވާފައެވެ. މިގޮތުން، ދަރިވަރުން ގުޅިގެން ތަފާތު ހަރަކާތްތައް އިންތިޒާމު ކުރެވިދާނެކަމާއި، ދަރިވަރުން އިސްނަގައިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ޔުނިވަރސިޓީގައި ހޭދަކުރާ ދުވަސްތައް ކާމިޔާބުވާނެ ކަމެއް ކަމަށް މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ކެމްޕަސް މެނޭޖަރ ވިދާޅުވިއެވެ. އަދި ދަރިވަރުންގެ މިފަދަ ހަރަކާތްތަކުގައި ކެމްޕަސްގެ މެނޭޖްމަންޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މެނޭޖަރ ޝަމީމް ވިދާޅުވިއެވެ.


މީގެ އިތުރުން، ކެމްޕަސް އަކީ ދިރުން ހުރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔޫނިއަންގެ ކުރީގެ ރައީސް އަރުޝަދު އަޝްރަފް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ޔޫނިއަންއާ ހަމައަށް ގެނެސްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ދަރިވަރުންގެ ކަންކަމުގައި ޔޫނިއަން އަބަދުވެސް ދެމިއޮންނާނެކަމަށް އަރުޝަދު ވިދާޅުވިއެވެ.
މި ހަރަކާތުގައި ކެމްޕަސްގެ 2 ދަރިވަރުންކަމަށްވާ މާއިޒު އަހްމަދު އަދި މުހައްމަދު ޔައީޝް ވެސް ވަނީ ވާހަކަ ދައްކާފައެވެ.
ދަރިވަރުންގެ ޔޫނިއަންގެ ތައާރަފު ދިނުމާއި، ދަރިވަރުންގެ ޔޫނިއަންގެ ލަވަ އެޅުވުން ވެސް މި ހަރަކާތުގައި ކުރިއަށްދިޔައެވެ. އަދި ހަރަކާތް ނިމިގެން ދިޔައީ ތަފާތު ބެޗުތަކުގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމްތަކަކުންނެވެ. ހަރަކާތް ނިމުމަށްފަހު ދަރިވަރުން ތައްޔާރުކުރި ކެއުމެއްވެސް އޮތްކަން ފާހަގަކޮށްލެވެއެވެ.
މި ހަރަކާތުގެ އިތުރުން، ތިނަދޫއަށް ޒިޔާރަތްކުރި ޓީމުން ވަނީ ތިނަދޫ ކެމްޕަސްގެ ދަނާލުގައި އުޅޭ ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންގެ ކަންބޮޑުވުންތައްވެސް އޮޅުންފިލުވާފައެވެ.


އަދި ތިނަދޫ ކެމްޕަސްގެ ދަރިވަރުންނާވެސް މި ޓީމުން ވަނީ ބައްދަލުކޮށްފައެވެ.
ތިނަދޫއަށް ދަތުރުކުރި ޓީމުގައި ހިމެނެނީ ދަރިވަރުންގެ ޔޫނިއަންގެ ސެކްރެޓަރީ ޒާޔާ ޙަސަން ޢިމްރާން، އެސިސްޓެންޓް ސެކްރެޓަރީ ފާޠިމަތު ނައުޝީން، ކުރީގެ ރައީސް އަރުޝަދު އަޝްރަފް އަދި ކުރީގެ ސެކްރެޓަރީ ފާޠިމަތު ނަޝާތު ވަހީދެވެ.
އަތޮޅުތެރޭ ކެމްޕަސްތަކަށް އަހަރަކު އެއްފަހަރު ކުރެވޭ ކެމްޕަސް ދަތުރުތަކަކީ ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިޔަށް ގެންދާ ދަތުރުތަކެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނުކަމުގައިވިޔަސް 2021 ވަނަ އަހަރުން ފެށިގެން މި ދަތުރުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.





