ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ޢާންމު އިންތިޚާބުގައި މެޑިކޯސްގެ ހިންގާ ކޮމިޓީއަށް ”ގޭމް ޗޭންޖަރސް“ގެ ނަމުގައި ނިކުތް ޓީމު އިންތިޚާބުވެއްޖެއެވެ.
މާރިޗު 01 ވީ ބުދަދުވަހު ބޭއްވި އިންތިޚާބުގައި މެޑިކޯސްގެ ރައީސާކަމުގެ މަޤާމަށް ހޮވުނީ ޖުމްލަ 101 ވޯޓާއެކު ފާޠިމަތު މާހާ އާދިލެވެ. މި މަޤާމަށް ދެން ކުރިމަތިލި އަހްމަދު ޝާބިން އަށް ލިބުނީ ޖުމްލަ 72 ވޯޓެވެ. ނައިބު ރައީސް (ޢިލްމީ)ގެ މަޤާމަށް ހޮވުނީ 98 ވޯޓު ހާސިލުކުރި ޒޫޝާން ތައުފީޤެވެ. މި މަޤާމަށް ދެން ކުރިމަތިލި ފާޠިމަތު ނަދާ އަށް ލިބުނީ 74 ވޯޓެވެ. މެޑިކޯސްގެ ނައިބު ރައީސް (އިތުރު ހަރަކާތް)ގެ މަޤާމަށް ހޮވުނީ 97 ވޯޓު ހޯދި ޢާއިޝަތު ޒާރާ އެވެ. މި މަޤާމަށް ދެން ކުރިމަތިލި އާމިނަތު ޝަފާނާ ޢަލީ އަށް ލިބުނީ 77 ވޯޓެވެ. މި ގޮފީގެ މީޑިއާ ކޯޑިނޭޓަރުގެ މަޤާމަށް ހޮވުނީ 90 ވޯޓާއެކު ފާޠިމަތު އިނާ ޝަރީފެވެ. އަދި ދެން ކުރިމަތިލި މުޙައްމަދު ރާއީ އަޙްމަދަށް ލިބުނީ 83 ވޯޓެވެ. މެޑިކޯސްގެ ސެކްރެޓަރީއަށް ހޮވުނީ 104 ވޯޓު ހޯދި މުޙައްމަދު އަޔާޝް ޢަލީ އެވެ. ދެން ކުރިމަތިލި ފާޠިމަތު ސާރާ ވަހީދަށް ލިބުނީ 70 ވޯޓެވެ. އަދި މެޑިކޯސްގެ ޚަޒާންދާރަށް ހޮވުނު ލަތީފާ ޙުސައިނަށް 100 ވޯޓު ލިބުނެވެ. ދެން ކުރިމަތިލި އިބްރާހީމް ލޫތު ނަޒީރަށް ލިބުނީ 74 ވޯޓެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.






