މެޑިކޯސްގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ، ދަރުމަވަންތަ ހަސްފަތާލުގައި ހުންނަ ސްކޫލް އޮފް މެޑިސިންގެ ކެމްޕަހުގައެވެ.
މިއަދު ބޭއްވުނު މިހަރަކާތްތައް ފާހަގަ ކުރުމުގެ ތައްޔާރީތައް ވެފައިވަނީ، މެޑިކޯސްގެ ހިންގާ ކޮމިޓީއާއި ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން ގެންދާ ފިރިހެން ދަރިވަރުން ގުޅިގެންނެވެ.
މިގޮތުން މިއަދަށް ޚާއްސަކޮށްގެން ދަރުމަވަންތަ ހަސްފަތާލުގެ 8 ވަނަ ފަންގިފިލާވަނީ މިކުދިން ގުޅިގެން ޒީނަތްތެރިކޮށްފައެވެ. މިއަދުގެ ކިޔެވުން ކުރިޔަށް ދިޔަ ވަގުތުގައި، އެތަނުގައި ފޮޓޯ ނެގުމާއި ކޭކް ފެޅުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މީގެ އިތުރުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މެދުގައި ވަނީ ފޮޓޯ މުބާރާތެއް ކުރިޔަަށް ގެންދެވިފައެވެ. އެގޮތުން ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައި ޚާއްސަ ފޮޓޯ ބޫތެއް ވަނީ މެޑިކޯސްގެ ފަރާތުން ތައްޔާރު ކޮށްފައެވެ. އަދި އެތަނުގައި ފޮޓޯ ނެގުމަށް ފަހު، މެޑިކޯސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް ޓެގްކޮށް، އިންސްޓާގްރާމް ސްޓޯރީއަށް ފޮޓޯ ލާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޚާއްސަ އިނާމެއް ވަނީ މެޑިކޯސްގެ ފަރާތުން ހުށަހަޅާފައެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް މެޑިކޯސްގެ ފަރާތުން ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އަދި މިދުވަހަށް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.





