ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެކުލަވާލާ ތަންފީޒުކުރަމުން އަންނަ ސްޓޫޑެންޓް ވޮއިސް ޕޮލިސީ ތަންފީޒުކުރުމުގައި ދަރިވަރުންގެ ދައުރު އިންތިހާއަށް ބޭނުންވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގޮފިތަކުގެ އައު ހިންގާ ކޮމެޓީ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރ ވިދާޅުވީ، ގޮފިތަކުގެ ހިންގާ ކޮމެޓީއާ ހަވާލުވި މެމްބަރުންގެ ބޮލުގައި އެޅިފައި އޮތީ ބޮޑު ޒިންމާއެއް ކަމުގައެވެ.
ޑރ. ޝަރީފް ވިދާޅުވީ، ޔުނިވަރސީގެ ކަންކަމުގައި ދަރިވަރުންގެ ޝާމިލްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ޔުނިވަރސިޓީން ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ދަސްވެނިންގެ ސިފަތައް ހާސިލްކުރުމަށް އެޅޭ އެންމެ ފުރިހަމަ ބިންގަލަކީ އިސްވާރުން އުފެއްދުން ކަމަށާއި، އެގޮތުން ގޮފިތަކުގެ ހިންގާ ކޮމެޓީއާ ހަވާލުވި އިސްވާރުންގެ ކިބައިން ލީޑަރުންގެ ފުރިހަމަ ސިފަ ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ވައިސް ޗާންސެލަރ ވިދާޅުވީ، ކޮންމެ ޒިންމާއަކާއެކު މަސްއޫލިއްޔަތެއް ބޮލުގައި އެޅިގެންދާނެ ކަމަށެވެ.
މިއަދު ދުނިޔޭގެ ޔުނިވަރސިޓީތަކުން ފެންނަން އޮތް ހަގީގަތަކީ ޔުނިވަރސިޓީތައް ހިންގުމުގައި ދަރިވަރުންގެ ޝާމިލުވުން މުހިންމުކަން ކަމަށެވެ. އެކަމަށް މަގުފަހި ކުރުމަށް ޤައުމީ ޔުނިވަރސިޓީން ”ސްޓޫޑެންޓް ވޮއިސް ޕޮލިސީ“ގެ ނަމުގައި ޕޮލިސީއެއް އެކުލަވާލާފައިވާނެ ކަމަށާއި، އެ ޕޮލިސީގެ މަގުސަދަކީ ޔުނިވަރސިޓީގައި ހޭދަކުރާ ދުވަސްތަކުގައި ލިބޭ ތަޖުރިބާއަކީ މުއްސަނދި ތަޖުރިބާއަކަށް ހެދުން ކަމަށެވެ. އަދި ޔުނިވަރިސިޓީގެ ކަންކަން ރާވައި ހިންގުމުގައި ދަރިވަރުންގެ ބަސް ހިމުންނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެރޭ ބޭއްވި އައު ހިންގާ ކޮމެޓީތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވަނީ މާލޭގެ 10 ފެކަލްޓީގެ ހިންގާ ކޮމެޓީތައް އިފްތިތާހުކޮށްފައެވެ. މީގެ އިތުރުން ހުކުރު ދުވަހު ވަނީ އަތޮޅުތެރޭގެ ހަތަރު ކެމްޕަހުގެ ހިންގާ ކޮމެޓީތައް ވެސް އިފްތިތާހުކޮށްފައެވެ.






