ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިޝަން ފޯރ މައިގްރޭންޓް ވޯރކާސް (އެމް.އެމް.ޑަބްލިޔު.އެމް) އިން އިސްނަގައިގެން ބިދޭސީ އަންހެން މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ބޭއްވި ހެލްތް ކޭމްޕެއްގައި މެޑިކޯސްއިން ބައިވެރިވެއްޖެއެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ދަމަނަވެށީގައެވެ.
މިހަރަކާތުގެ ތެރެއިން، ބިދޭސީންގެ ލޭގެ ޕްރެޝަރު ބެލުމާއި، ބަރުދަން ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުން ފަދަ ކަންކަމުގައި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ވަނީ ޢަމަލީގޮތުން ބައިވެރިވެފައެވެ. އަދި މިހަރަކާތް ރާވާ އިންތިޒާމްކުރުމުގައި ވެސް އެދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މިހަރަކާތުގެ ތެރެއިން ވަނީ ހިލޭ ޑަކްޓަރަށް ދެއްކުމާއި، ބޭސް ދޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިގެން ގޮސްފައެވެ. އަދި އައިކެއަރ ހޮސްޕިޓަލްގެ ފަރާތުން ލޮލުގެ ޗެކަޕް ހެދުމުގެ އިންތިޒާމާއި، ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން- ޝީ ގެ ފަރާތުން ވަނީ އެހްއައިވީ އަށް ޓެސްޓް ކުރުމާއި, އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.
މިހަރަކާތުގެ ބައިވެރިންނަށް ވަނީ ޚާއްސަ ހަދިޔާތަކެއްވެސް ހަވާލުކޮށްފައެވެ. މިއަދު ހަވީރު 15:00 އިން 18:00 އަށް ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ވަނީ, 44 އަންހެން ބިދޭސީ މަސައްކަތްތެރިން ސްކްރީންކޮށްފައެވެ.





