ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 11 ވަނަ ދައުރުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މާލޭ ކެމްޕަހުގެ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ މާރިޗު 10 ވީ ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މާލޭ ކެމްޕަހުގެ 10 ގޮފީގެ ހިންގާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި މެންބަރުންނަށް މަޤާމު ހަވާލުކޮށްފައިވާއިރު، ފާއިތުވެދިޔަ ދައުރުގައި ގޮފިތަކުގައި މަސައްކަތްކުރި މެންބަރުންނަށް ރެފަރެންސް ލެޓަރ ހަވާލުކުރުންވެސް އޮތެވެ.
ގޮފިތަކުގެ ރައީސުންނަށް މަޤާމު ހަވާލުކޮށްދެއްވީ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފު ކަމަށްވާއިރު، ނައިބު ރައީސް (ޢިލްމީ)ގެ މަޤާމަށް އިންތިޚާބުވި މެންބަރުންނަށް މަޤާމު ހަވާލުކޮށްދެއްވީ ސްކޫލް އޮފް ނާރސިންގެ ޑީން އަލްފާޟިލާ އާސިޔާ އިބްރާހީމެވެ. ނައިބު ރައީސް (އިތުރު ހަރަކާތް)ގެ މަޤާމަށް އިންތިޚާބުވީ މެންބަރުންނަށް މަޤާމު ހަވާލުކޮށްދެއްވީ މެންހަޓަން ބިޒްނަސް ހޮޓެލްގެ ރެޒިޑެންސް މެނޭޖަރ އިލްހާދު އިބްރާހީމެވެ. އަދި ޚަޒާންދާރުންނަށް މަޤާމު ހަވާލުކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ރައީސް އަލް އުސްތާޛް ޢަލީ ރަޝީދު އަޙްމަދެވެ. މީގެ އިތުރުން، މީޑިއާ ކޯޑިނޭޓަރުންނަށް މަޤާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ ޑރ. އާމިނަތު ޝިޔާމާ ކަމަށްވާއިރު، ސެކްރެޓަރީންނަށް މަޤާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ކުރީގެ ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ އަޙްމަދެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) ޖައިޝް އަލީ ވަހީދު، ތަރަހައިގެ ރައީސާ އާމިނަތު އިރަމް ސަލީމް އަދި ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވަނީ ހާޒިރުވެ ތިއްބެވި ޖަލީސުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.






